ދެމެހެއްޓެނިވި ގޮތަކަށް އައްޑޫސިޓީގެ ގަމަށް ފްލައިޓްސް އޮޕަރޭޓް ކުރުމަށް ބޭނުންވަނީ ދެކުނުގެ އެއާޕޯޓް ތަކުގެ ކަނެކްޓިވިޓީ ކަމަށާއި ސްރީލަންކަން އައްޑޫއަށް ފަށާފައި މި އޮތީ މޯލްޑިވިއަނުން ކަނެކްޓިވިޓީ ދޭ ގޮތަށްކަމަށް އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުގެ ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރ ގައިސް ނަސީރު ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާއި ގުޅިގެން ދިގު މެދުކެނޑުމަކަށް ފަހު އަލުން ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އައްޑޫ އަށް ފެށުމާއި ގުޅޭ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގައިސް ވިދާޅުވީ ގަން އިންޓަނޭޝަނަލް އެއާޕޯޓަކީ އޭ ތްރީ 80 ފިޔަވައި އެހެން ހުރިހާ އެއާކްރާފްޓް ތަކަށް ވެސް ސަރވިސް ދެވޭނެ ތަނެއް ކަމަށާއި މިތަނުގައ އެ ކެޕޭސިޓީ އެބަހުރި ކަމަށެވެ.
ސްރީލަންކަން އެއާލައިނުގެ ދަތުރުތައް އައްޑޫއަށް ފެށިިއިރު މޯލްޑިވިއަނުން ވަނީ ކަނެކްޓިވިޓީ ފްލައިޓްސް އޮޕަރޭޓް ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށާއި އެގޮތަށް ވެއްޖެނަމަ އިތުރު ފްލައިޓް ތަކަށް ވަރަށް ބޮޑަށް ފުރުސަތު ފަހިވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް ގައިސް ވިދާޅުވިއެވެ.
“މިހާރު އެންމެ ބޮޑަށް ކުރަމުން އަންނަ މަސައްކަތަކީ ދ އަތޮޅުން ފެށިގެން އައްޑޫ އާއި ދެމެދުގައި ހުރި އެއާޕޯޓްސް ތަކަށް ކަނެކްޓިވިޓީ ގެނައުން. މި ކަނެކްޓިވިޓީ އާ އެކު ވަރަށް ބޮޑު ބަދަލުތަކެއް ގެނެވޭނެ ކަމަށް ގަބޫލު ކުރަން. ދ. އަތޮޅުން މި ކޮޅަށް ބަލާއިރު ގާތްގަނޑަކަށް 6000 އެނދު ހުރި. މި ގޮތަށް އޮޕަރޭޓް ކުރެވިއްޖެނަމަ އިންޓަނޭޝަނަލް ފްލައިޓްސް އައުމުގެ ފުރުސަތު ބޮޑު”
ގައިސް އިތުރަށް ވިދާޅުވީ ކަނެކްޓިވިޓީ އާއި ގުޅިގެން މޯލްޑިވިއަން އަދި މަންތާ އާއި ވާހަކަ ދައްކަމުން ދާ ކަމަށާއި ވަކިން ޚާއްޞަކޮށް ހުވަދު އަތޮޅާއި ކަނެޓްވިޓީގެ ވާހަކަ އަކީ ސްރީލަންކަން ފެށި އިރު ވަރަށް ބޮޑަށް ދެކެވުނު ވާހަކައެއް ކަމަށެވެ. އަދި ފަސޭހަ ކަނެކްޓިވިޓީއެއް ދިނުމާ ގުޅޭގޮތުން މޯލްޑިވިއަނުން އޮތީ ކޮމިޓްމެންޓް ދީފައި ކަމަށާއި އެންމެ ބޮޑު ތަފާތަކަށް ފެންނާނެ ކަމަކީ އެއީކަން ގައިސް ފާހަގަ ކުރެއްވިއެވެ.
“މިއަދު ވެސް އެރައިވަލް ވި މީހުންގެ ތެރޭގައި ހިމެނޭ ސަފާރީ ތަކަށް އައި މީހުން. އެއީ މި ތަންތަނުގެ ރަޖިސްޓަރޑް އެއްޗެއްސެއް ނޫން. އެކަމަކު ސީޒަނުގައި ސަފާރީސް ތަކުން ކަވަރ ކުރޭ ގާތްގަނޑަކަށް 350 ބެޑް. އެހެންވީމާ ސަފާރީ ތަކަކީ ވަރަށް ބޮޑަށް ވިސްނަން ޖެހޭ އެއްޗެއް. ސަފާރީ ތަކަށް ފަސޭހަ ގޮތްތައް ހުރުމަކީ އެއަށް މީހުން އައުމުގައި ފުރުސަތު ބޮޑުވެގެން ދާނެ ކަމެއް” ގައިސް ވިދާޅުވިއެވެ.
އިއްޔެގެ ފްލައިޓުން ވެސް ފުވައްމުލައް ސިޓީގެ މީހުން ދަތުރުކުރިކަން ފާހަގަ ކުރައްވަމުން ގައިސް ވިދާޅުވީ 2016 ވަނަ އަހަރުން ފެށިގެން 2020 ވަނަ އަހަރު ސްރީލަންކަން ގެ ދަތުރުތައް އައްޑޫއަށް ހުއްޓުމާ ހަމައަށް ވެސް އެހެން އެއާޕޯޓްތަކަށް ކަނެކްޓިވިޓީ ދެވިފައި ނެތްކަމަށެވެ.
ގަން އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ ގިނަ މަސައްކަތް ކުރަމުން އަންނަ އިރު އެކަމާއި ގުޅިގެން ގައިސް ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ޕްރޮޖެކްޓަކީ 2020 ވަނަ އަހަރު ބޯޑާރސް ތައް ކްލޯސް ކުރުމަށްފަހު ހުޅުވި އިރުގައި ބައެއް ކަހަލަ ކަންތައްތައް ރަނގަޅު ކޮށްގެން ކުރިއަށް ގެންދިއުމަށް ވިސްނައި އެކަމަށް ބޭނުންވާ މަސައްކަތް ކަމަށެވެ. އަދި ގަން އެއާޕޯޓަކީ ދެކުނުގެ ހަބެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަންޑިންސް ލިބިފައިހުރި ކަމަށާއި އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗް ނިމެން ވާއިރަށް ގަމަށް އަންނަ ފަސިންޖަރުންނަށް އެ ބަދަލު ފެނިގެންދާނެ ކަމަށެވެ.
ގައިސް ވިދާޅުވީ ޑޮމެސްޓިކް ކަނެކްޓިވިޓީއާއި ސީޕްލޭން އަދި ސްޕީޑް ފެރީ ތަކަށް ވެސް ފުރުސަތު ލިބޭ ގޮތަށް މަސައްކަތް ކުރަމުން ދާ ކަަމަށާއި މުޅި ސައުތުގެ އިގްތިސާދު ކުރިއެރުވުމަށް ބައިވެރިއެއް ގެ ގޮތުގައި އެއާލައިން ތަކަށް ވަރަށް ބޮޑު އެގްރީއެއް ވެގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.