ކޮވިޑް 19 އާއި ގުޅިގެން ދިގު މެދުކެނޑުމަކަށް ފަހު ސްރީލަންކަން އެއާރލައިނުން އައްޑޫސިޓީގެ ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް މިއަދު އަލުން ފަށައިފި އެވެ.
ސްރީލަންކަން އެއާލައިންސް ފުރަތަމަ ޝެޑިއުލް ފްލައިޓް މިއަދު ގަމަށް ޖައްސާފައިވަނީ މެންދުރު 1:30 ގައެވެ. މި ފްލައިޓުން ފަތުރުވެރިންނާއި އަދި ދިވެހިން ވެސް ވަނީ ދަތުރުކޮށްފައެވެ.
ހަފްތާއަކު އެއް ފްލައިޓް އަޅާގޮތަށް ޝެޑިއުލް ކޮށްގެން ދަތުރުތައް ފަށާފައިވާއިރު ޑިމާންޑަށް ބަލައިގެން ދަތުރުތައް އިތުރު ކުރުމަކީ ކުރެވޭނެ ކަމެއް ކަމަށް ސްރީލަންކަން އެއާލައިންގެ ކަންޓްރީ މެނޭޖަރ(މޯލްޑިވްސް) ފައުޒަން ފަރީދު ވަނީ ވިދާޅުވެފައެވެ.
“ގާތްގަނޑަކަށް 2 އަހަރަށް ފަހު އަލުން ދަތުރުތައް ފެށޭ ގޮތް ވުމުން މިއަދު މިތިބީ ވަރަށް އުފަލުން. މިއީ މުޅިން އާ ފެށުމެއް. މިއީ އައްޑޫ، ފުވައްމުލައް އަދި ގއ. އަތޮޅާއި ގދ. އަތޮޅަށް ވެސް މުޅިން އާ ފެށުމެއް. އަޅުގަނޑުމެންގެ އެދުމަކީ ދެކުނުގެ 4 އަތޮޅުން ވެސް އަޅުގަނޑުމެންގެ މި ޚިދުމަތް ބަލައިގަނެ މި މަސައްކަތުގައި އެއްބާލުން ދެއްވުމަށް” ފައުޒަން ވިދާޅުވިއެވެ.
އައްޑޫ އިން ކޮލޮމްބޯ ދަތުރު މިއަދު ފަށާފައިވާއިރު ޝެޑިއުލް ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާ އަކުވެސް ހޮނިހިރު ދުވަހުގައި ކަމަށް ސްރީލަންކަން އިން ބުނެއެވެ. މީގެ އިތުރުން މިފަހަރުގެ ދަތުރުތައް މުޅި ދެކުނަށް ޚާއްޞަ ކޮށްގެން ކުރެވޭއިރު އަގު ހެޔޮ ފެއަރ ތަކެއް ވެސް ވަނީ ތައާރަފް ކޮށްފައެވެ. މި ފެއަރ ގައި އައްޑޫއިން ކޮލަމްބޯއަށް ދެކޮޅު ޓިކެޓްގެ އަގަކީ (ދިވެހިންނަށް) 271 އޫއެސްޑޮލަރެވެ. އަދި ގަމުން ދުބާއީ އަށް 487 ޔޫއެސް ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭއިރު ގަން/ ޑާކާ/ މާލެ ޓިކެޓްގެ އަގަކީ 490 ޔޫއެސް ޑޮލަރެވެ.
ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް އަލުން އައްޑޫއަށް ފަށާފައިވާއިރު ސްރީލަންކަންގެ ރާއްޖޭގެ ސޭލްސް އެޖެންޓް “އޭސް އޭވިއޭޝަން “ގެ ދަށުން ހިންގާ ޕެސެންޖަރ ސޭލްސް އެޖެންޓް “އޭސް ޓްރެވެލް” ގެ އޮފީހެއް އައްޑޫގައި ރަސްމީކޮށް ހުޅުވައި ޚިދުމަތް ދިނުމަށް ދަނީ ތައްޔާރުވަމުންނެވެ.
އައްޑޫސިޓީގެ ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމުގެ ގޮތުން، ސްރީލަންކަންގެ އޮފީހެއް އައްޑޫގައި ހުޅުވާފައިވަނީ ނޮވެމްބަރު 1، 2016 ގައެވެ. އަދި ކޮލަމްބޯއިން ގަމަށް ދަތުރުތައް ފަށާފައިވަނީ ޑިސެމްބަރު 1، 2016 ގައެވެ.
ކޮލޮމްބޯ އާއި އައްޑޫ ސިޓީ ގަމާއި ދޭތެރޭ ކުރެވެމުން އައި ވައިގެ ދަތުރުތަކަކީ އައްޑޫގެ ޢާންމު ދިރިއުޅުމާއި، ފަތުރުވެރިކަމާއި ވިޔަފާރިއަށް ބޮޑެތި ލުއިތަކެއް ގެނެސްދިން އަދި ކުރިއެރުންތަކެއް ހޯދައިދިން މުހިއްމު ތަރައްޤީއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.