English Edition
Dhivehi Edition
މިއަހަރުގެ އޭޕްރީލް މަހު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން ހުޅުވާލި ޑޮކްޓަރު ކަމުގެ ޙާއްސަވުމުގެ ސްކޮލަރޝިޕް ލިބިވަޑައިގަންނަވާ 7 ޑޮކްޓަރުންގެ ވަގުތީ ލިސްޓް ނެރުއްވައިފިއެވެ.

ހުރިހާ ޚަރަދެއް ސަރުކާރުން ބަލަހައްޓަވާގޮތަށް ކިޔެވުމުގެ ފުރުސަތު ލިބިގެންދާ މި ސްކޮލަރޝިޕް ލިބުނު ޑޮކްޓަރުންގެ ދާއިމީ ލިސްޓު އިޢުލާންކުރައްވާނީ، ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުޞަތަށްފަހު މިމަހުގެ 10 ވަނަ ދުވަހުގައި ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. އެގޮތުން މި ސްކޮލަރޝިޕް ދީފައިވާ ދާއިރާތަކުގެ ތެރޭގައި އެނެސްތީއޮލޮޖީ، އިންޓަރނަލް މެޑިސިން، ސްޕައިން ސާޖަރީ، ޕީޑިއޭޓްރިކް، ޕީޑިއޭޓްރިކް ޕަލްމޮނޮލޮޖީ، ގައިނަކޮލޮޖީ އަދި ޖެނެރަލް ސަރޖަރީ ހިމެނެއެވެ. މި ހަތް ދާއިރާއިން ކޮންމެ ދާއިރާއަކުންވެސް ވަނީ ސްކޮލަރޝިޕްގެ ގޮތުގައި އެއް ފުރުޞަތު ދީފައެވެ.
މި ސްކޮލަރޝިޕް ފުރުޞަތަށް އެދި 49 ޑޮކްޓަރަކު ހުށައަޅުއްވައިފައިވާއިރު މީގެތެރެއިން ފުރުޞަތު ލިބޭ ޑޮކްޓަރުން ކަނޑައަޅުއްވާފައިވަނީ، މަރކްސް ދޭ ޚާއްސަ އުސުލެއްގެ ދަށުންނެވެ. ސްކޮލަރޝިޕަށް ހޮވުނު ޑޮކްޓަރުން، އެކަން އަންގަވާތާ 10 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފައްޓަވަން ޖެހޭއިރު މި ސްކޮލަރޝިޕް ފުރިހަމަކުރާ ޑޮކްޓަރުން މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންއިން ކަނޑައަޅާފައިވާ މުއްދަތަށް ރާއްޖޭގައި ޚިދުމަތް ކުރަން ޖެހޭނެ ކަމަށް އެއިދާރާއިން ވަނީ ހާމަކޮށްފައެވެ.