މަތީ ތައުލީމީ ފެންވަރާއި މެދު ސުވާލު އުފައްދަމުންދާ މިޒަމާނުގައި އިލްމު ހޯދުމުގައި ތެދުވެރިވުމަކީ މުހިއްމު ކަމެއް ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ސައިރިކްސް ކޮލެޖުގެ ދަސްވެނިމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ތެދުވެރިވުމުގައި އަމިއްލަ ނަފުސާއި ތިމާ ތައުލީމު ހާސިލު ކުރަމުންދާ ކޮލެޖަށް ތެދުވެރިވާންޖެހޭ ކަމަށާއި މަތީ ތައުލީމު ހާސިލު ކުރުމުގައި ދިމާވާ ގޮންޖެހުންތައް ކަޑައްތު ކުރުމުގައި ޢިލްމުވެރި ސަނަދުވެރިއަކަށް ވުމަކީ ވަރަށް މުހިއްމު ސިފައެއް ކަމަށެވެ.
“ތިމާގެ ހުރި ގާބިލުކަން އެނގިހުރެ އޭގެ ފުރިހަމަ ބޭނުން ތެދުވެރިކަމާއިއެކު ހިފައިފިނަމަ ކާމިޔާބު ހާސިލުވާނެ. ބުރަ މަސައްކަތުގެ ކާމިޔާބީއަކީ ފާހަގަކުރުން ހައްގު އުފަލެއް. އެ އުފަލުގައި ބައިވެރިވާ ބެލެނިވެރިންނާއި މުދައްރިސުންނަށް މަރުހަބާ ދަންނަވަން.” މިނިސްޓަރ ވިދާޅުވިއެވެ.
ސައިރިކްސް ކޮލެޖުން ދަސްވެނިވިފައިވާ 646 ދަރިވަރުންނާއި އެހެން ޖަލީސުންނަށް މުޚާތަބު ކުރައްވާ ޑރ. އިބްރާހިމް ހަސަން ވަނީ މައުލޫމާތު ވަޒަން ކުރަން އެނގުމުގެ މުހިއްމުކަމާއި އުނގެނޭ އިލްމާއިމެދު ސުވާލުކުރަން ދަސްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވައި ވާހަކަ ދައްކަވާފައެވެ.
އެގޮތުން ވިދާޅުވީ އުނގެނޭ އިލްމު ރަނގަޅަށް ފަހުމް ވާނީ ހިތުގައި އެ އިލްމާއި މެދު ސުވާލު އުފައްދާ އެ ސުވާލުތަކަށް ކަށަވަރު ޖަވާބުތަކެއް ހޯދިގެން ކަމަށާއި ވަކީލުކަމާއި ސައިކޮލޮޖީ ފަދަ ދާއިރާތަކުން ޚާއްސަވާއިރު ސުވާލުކުރުން އެނގުން އެއީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި ސުވާލުތަކަށް ޖަވާބު ހޯދުން އެއަށްވުރެ މާ މުހިއްމު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ދަސްވެނިވި ހުރިހާ ދަރިވަރުންނަކީ ވެސް ޒިންމާދާރު ބައެއްގެ ގޮތުގައި މުޖުތަމައުގައި މަސައްކަތް ކުރާތަން ފެނުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށާއި އެހެން މީހުންނާއި ތަފާތުތަކެއްވާ ބައެއްކަން ބަހާއި އަމަލުން އެހެންމީހުންނަށް ސާބިތުކޮށްދޭތަން ފެނުމަކީ އެމަނިކުފާނުގެ އުއްމީދު ކަމަށެވެ.
މީގެ އިތުރުން މިހާރަށް ވުރެ ވެސް ބޮޑަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ސައިރިކްސް ކޮލެޖް ވެގެން ދިއުމަކީ އެމަނިކުފާނު އުއްމީދު ކުރައްވާ ގޮތް ކަމަށާއި ފެންވަރު ރަނގަޅު ނަމޫނާ ބަޔަކަށް ސައިރިކްސް ކޮލެޖް ވެގެން ދިއުމަކީ އެ ކޮލެޖާއި ދޭތެރޭ ދެކިލައްވާ އުއްމީދު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތަކާއި އުސޫލުތައް ހަދައި ތަންފީޒު ކުރުމުގައި ރާއްޖޭގެ ހުރިހާ ޕްރައިވެޓް ކޮލެޖުތަކާއި އިންސްޓިއުޓްތަކުން ދެއްވާ އެއްބާރުލެއްވުމަށް މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ޝުކުރު ދަންނަވާފައެވެ.
ސައިރެކްސް ކޮލެޖަކީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދޭ އެންމެ ގިނަ ދުވަސްވީ ކޮލެޖެވެ. 1993 ވަނަ އަހަރު ސައިރިކްސް ކޮމްޕިއުޓަރ ޓްރެއިނިންގ ސެންޓަރުގެ ނަމުގައި ވުޖޫދަށް އައި މަރުކަޒުން 2009 ވަނަ އަހަރާއި ހަމައަށް ފަނަރަހާހަށް ވުރެ ގިނަ ދަރިވަރުން ވަނީ ތަފާތު ކޯސްތައް ފުރިހަމަކޮށް ދަސްވެނިފައެވެ.
2009 ވަނަ އަހަރު ކޮލެޖެއްގެ ގޮތުގައި ހިންގަންފެށި ސައިރިކްސް ކޮލެޖުގައި މިއަދާއި ހަމައަށް އަށްހާހަށްވުރެ ގިނަ ފަރާތްތައް ވަނީ ދަސްވެނިފައެވެ.