English Edition
Dhivehi Edition

“ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022” ނޮވެންބަރު މަހުގެ 18 އަދި 19 މި ދެ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

މިއީ ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް ގުޅިގެން ބާއްވާ އެކްސްޕޯ އެކެވެ.

މި އެކްސްޕޯގެ މަގުސަދަކީ، ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން، ތަޢުލީމާއި ތަމްރީނުގެ ފުރުސަތުތައް ހުރި ދާއިރާތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި ޒުވާނުން ފަންނީ ހުނަރުވެރިކަމުގައި ދާއިރާގައި ހަރަކާތްތެރިވުމަށް ހިތްވަރުދީ އެދާއިރާއަށް ޒުވާނުންގެ ޝައުޤުވެރިކަން އިތުރުކޮށް، ފަންނީ ހުނަރުވެރިކަމުގެ ދާއިރާއިން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރުމެވެ.

ހަމައެފަދައިން ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާއަށް ބޭނުންވާ ދިވެހީން ލިބުމުގެ ދަތިކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކުރުމަކީ ވެސް މި އެކްސްޕޯގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި އެކްސްޕޯގެ ތެރޭގައި، މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާގެ ތަފާތު މައުޟޫޢުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޕެނަލް ޑިސްކަޝަންތަކެއް ވެސް ބޭއްވިގެން ދާނެ އެވެ. މި ޕެނަލް ޑިސްކަޝަންތަކުގެ ބޭނުމަކީ، މަސައްކަތްތެރިކަމުގެ ހުނަރުގެ ދާއިރާއާ ގުޅޭ މަޢުލޫމާތު ވީހާވެސް ފުޅާ ދާއިރާއެއްގައި ގިނަ ފަރާތްތަކަކަށް އަންގައިދީ އެ ދާއިރާތަކުން މީހުން ބިނާކުރުމަށް މަގުފަހިކޮށް އެ ދާއިރާގައި މަސައްކަތްކުރުމުގެ ފުރުސަތުތައް ޒުވާނުންނަށް ފަހިކޮށްދިނުމެވެ.

މި އެކްސްޕޯގައި، ރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި ޓިވެޓް ސެންޓަރުތަކާއި ދައުލަތުގެ ކުންފުނިތަކާއި ކަމާގުޅުންހުރި ބައެއް މިނިސްޓްރީތަކުން ވެސް ބައިވެރިވެ މަޢުލޫމާތު ފޯރުކޮށްދޭނެ އެވެ.

މީގެ އިތުރުން މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ފަރާތުން ކުރިއަށް ގެންދާ ސްޓޫޑެންޓް ލޯނާއި ސްކޮލަރޝިޕްތަކާއި ސަރުކާރުގެ ޚަރަދުގައި ފުރަތަމަ ޑިގްރީއަށް ކިޔަވައިދިނުމުގެ ސްކީމްގެ މަޢުލޫމާތު ވެސް އެމިނިސްޓްރީގެ ފަރާތުން ފޯރުކޮށްދޭނެ އެވެ.

މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުން 30 ސްޓޯލެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމުގެ ކަންކަން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާނެ އެވެ. މި އެކްސްޕޯ ކުރިއަށްދާނީ ނޮވެންބަރު މަހުގެ 18 އަދި 19 މި ދެދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ.

މި އެކްސްޕޯއަށް ވީހާ ގިނަ ފަރާތްތަކަކުން ޒިޔާރަތްކުރުމަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަންގެ ވަރަށް ބޮޑު އެދުމެކެވެ.

މި އެކްސްޕޯއަކީ ވޯލްޑްބޭންކުގެ އެހީގައި ހިންގާ “މީރީ” ޕްރޮޖެކްޓުން ޚަރަދުކޮށްގެން ބާއްވާ ޙަރަކާތެކެވެ.