English Edition
Dhivehi Edition
މަސްވެރިންނާއި އެކު ރައީސް ބޭއްވެވި ބައްދަލުކުރެއްވުން ފޮޓޯ: ރައީސް އޮފީސް

ފިޝަރީޒް ޕްރޮމޯޝަން ބޯޑުގައި މަސްވެރިކަމުގެ ދާއިރާ ތަމްސީލުކުރުމަށް ތިބޭ ބޯޑު މެންބަރުންނަކީ މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ހުރި ބޭފުޅުން ކަމުގައިވުން މުހިއްމުކަމަށް ކ.ގާފަރުގެ މަސްވެރިން ބުނެފިއެވެ.

މަސްވެރިން މިހެން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް 41 ވަނަ މަސްވެރިންގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެންނެވުމަށް ކ. ގާފަރަށް މިހާރު ކުރައްވަމުންގެ ގެންދަވާ ދަތުރުފުޅުގައި ބައެއް މަސްވެރިންނާ ބައްދަލުކުރައްވައި އެމީހުންގެ ޝަކުވާތައް އަޑުއައްސަވައި މަސްވެރިކަމުގެ ކުރިމަގާއި ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައެވެ.

ރޭ ގާފަރު ބަނދަރު ސަރަޙައްދުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަސްވެރިން ހިއްސާކުރެއްވި ކަންކަމުގެ ތެރޭގައި، ފިޝަރީޒް ޕްރޮމޯޝަން ބޯޑުގައި މަސްވެރިކަމުގެ ދާއިރާ ތަމްސީލުކުރުމަށް ތިބޭ ބޯޑު މެންބަރުންނަކީ މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ހުރި ބޭފުޅުން ކަމުގައިވުން މުހިންމުކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. ސަރުކާރު ތެރެއިން މަސްވެރިކަމާ ގުޅޭ ކަންކަމުގައި ކުރިޔަށްދިޔުމުގައި ދިމާވާ ގޮންޖެހުންތައް ފާހަގަކުރައްވަމުން ވަސްވެރިން ވަނީ މާލީކަންކަމުގައި ދިމާވާ ގޮންޖެހުމާއި، ބޭންކިންގ އަދި، މަސްވެރިކަމުގެ ސާމާނު އެތެރެކުރުމުގައި ހުރި ދަތިތައް ހިއްސާކޮށްފައެވެ.

މީގެ އިތުރުން ވެސް މަސްކިރުމުގެ އިންތިޒާމް ލަސްވުމުގެ ސަބަބުން މަސްބާނާ މޫސުމުގައި ނުހަނު ބޮޑެތި ދަތިތަކާކުރިމަތިވާކަމަށް މަސްވެރިންވަނީ ބުނެފައެވެ. ރާއްޖޭގެ މަސްވެރި ދޯނިތައް އެންމެ ގިނައިން ދަތުރުކުރާ ސަރަޙައްދުތައް ހޯދުމަށްފަހު މަސްކިރުވޭނެ ގޮތް އެ ސަރަޙައްދުތަކުން ހައްދަވައިދެއްވުމުގެ މުހިންމުކަމާއި، މަސްވެރިކަން ތަރައްޤީކުރުމަށް ބޭނުންވާ އިތުރު ކަންކަން ފާހަގަކޮށް މި މައްސަލަތަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް މަސްވެރިން ވަނީ އެދިފައެވެ.

މަސްވެރިންގެ ޚިޔާލާ މަޝްވަރާއަށް ސަރުކާރުން މަރުޙަބާކިޔާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މަސްވެރިން ފާހަގަކުރެއްވި ކަންކަމުގައި އެދެވޭ ޙައްލުތަކެއް ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.