ހުޅުމާލޭގައި ވަން ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމުންވެސް އެކަން ހުއްޓުވާފައި ނުވާކަމަށާއި މި މައްސަލައިގައި ހައްލެއް ނުލިބުމުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުން ޖެހުނީކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލުން އެޗްޑީސީއަށް ދޫކޮށްފައިވާ ރެޖިސްޓްރީ ބާތިލްކޮށް ހުޅުމާލެ ފޭސް އެކެއް އާއި ފޭސް ދޭއް ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ގެނެސްފައިވާއިރު ކައުންސިލް ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ނަރީޝް އެވެ.
ހުޅުމާލެ ރަޖިސްޓްރީ ބާތިލުކުރަން ނިންމި ނިންމުމާއި ބެހޭ ގޮތުން ނަރީޝް ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހުޅުމާލެ ކަނޑައަޅާފައި އޮތް ނަމަވެސް ހުޅުމާލޭގެ އާންމު ހިދުމަތްތަކާއި މުނިސިޕަލް ހިދުމަތްތައް އެޗްޑީސީގެ ސަބަބުން ހުޅުމާލޭގައި ކުރިއަށް ގެންދިއުމަށް ސިޓީ ކައުންސިލަށް އެއްވެސް ކުރިއެރުމެއ ލިބިފައިނުވާކަމަށެވެ.
މި މައްސަލަ ރައީސް އިބްރާހިމް މުހައްމަދު ސޯލިިހްގެ ސަމާލުކަމަށް ގެންނެވުމުން އެކަން އަވަސް ކޮށްދެއްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެކަން ކޮޅެއްގައި ނުޖެހި ދިގުލަމުންދާ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލައަށް ހައްލެއް ނުލިބިގެން އެލްޖީއޭއާ ވެސް ވާހަކަ ދައްކާފައިވާނެ ކަމަށާއި މީގެ އިތުރުން މަޖިލީހުގެ ތެރެއިންވެސް ހައްލެއް ހޯދަން މަސައްކަތް ކޮށްފައިވާނެކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއްވެސް އިދާރާއަކުން އެކަމަށް ހައްލެއް ލިބިފައި ނެތްކަން ނަރީޝް ވަނީ ފާހަގަކުރައްވާފައެވެ،
އިތުރަށް ނަރީޝް ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން އެޗްޑީސީ އިން ކޯޓަށް ވަޑައިގަންނަވަން ބޭނުން ނަމަ އެ ފުރުސަތު އެބައޮތްކަމަށާއި ސިޓީ ކައުންސިލުންވެސް އެކަމުގެ ތައްޔާރީތައް ވާނެކަމަށެވެ.