ތިލަފުށިން ކުއްޔަށް ދޫކޮށްފައިވާ ބިމެއްގެ އެއްބަސްވުމާ ހިލާފުވެފައިވާތީ، ކުއްޔާއި ޖޫރިމަނާގެ ގޮތުގައި އެޗްޑީސީއަށް ދައްކަންޖެހޭ 4.5 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ)ގެ ހިއްސާ އޮންނަ ހެވީލޯޑް މޯލްޑިވްސްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.
ތިލަފުށިން 30،000 އަކަފޫޓުގެ ބިން ހެވީލޯޑަށް ވަގުތީ ގޮތުން ދޫކުރީ ނޮވެމްބަރު 25، 2008 ގައެވެ. ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކޯޓަށް މައްސަލަ ހުށަހެޅީ އެއްބަސްވުމާ އެއްގޮތަށް ކުލި ނުދެއްކުމުގެ އިތުރުން، އެއްބަސްވުމުގެ މުއްދަތު ހަމަވުމުންވެސް ބިން އަނބުރާ ހަވާލުކޮށްފައި ނުވާތީއެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ވަނީ ހެވީލޯޑުން އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ނިންމާ މޭ 2026 އާ ހަމައަށް އަރާފައިވާ ކުއްޔާއި ޖޫރިމަނާގެ 4.5 މިލިއަން ރުފިޔާ ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި އެޗްޑީސީއަށް ދައްކައި ހަލާސްކުރަން އަންގާފައެވެ. އަދި އެ ބިން ހުސްކުރުމަށްފަހު ކުރިއަށް އޮތް 1 މަސް ދުވަހުގެ ތެރޭގައި އެޗްޑީސީއާ ހަވާލުކުރަންވެސް ސިވިލް ކޯޓުން އަމުރުކޮށްފައިވެއެވެ.