ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކިޔަވާ ކުދިންނަށް ހާއްސަކޮށްގެން ތަރައްގީކުރި ކޯ ލިވިންގ ރެސިޑެންސް “އެކުވެހި” އިން ޖާގަ ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުސަތު އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހު ހުޅުވާލަން ނިންމައިފިއެވެ.
ތައުލީމާއި މަތީ ތައުލީމާ ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވުޒާރާއާ ގުޅިގެން ގާއިމުކޮށްފައިވާ މި މަޝްރޫއުގެ ދަށުން، “އެކުވެހި” އަށް ކުރިމަތިލެވޭނީ އެޗްޑީސީގެ ހާއްސަ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
ކުރިމަތިލެވޭ ޝަރުތުތައް:
“އެކުވެހި” ގައި ޖުމްލަ 178 ޓްވިން-ޝެއަރިންގ ކޮޓަރި ހިމެނޭއިރު، މި ތަނުން ޖުމްލަ 356 ދަރިވަރުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެކަން ފާހަގަކޮށް އެޗްޑީސީން ބުނީ ކޮންމެ ދަރިވަރަކު މަހަކު ދައްކަންޖެހޭ ކުއްޔަކީ 3،500 ރުފިޔާ ކަމަށެވެ.
އެޗްޑީސީން ބުނީ ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ކޮންމެ ކޮޓަރިއެއްގައި ދެ ދަރިވަރުންނަށް ވަކި އެނދާއި، އަލަމާރިއާއި، ކިޔަވާ މޭޒާއި ގޮނޑީގެ އިތުރުން ފާހާނާ ހުންނާނެ ކަމަށެވެ. އަދި އިމާރާތުގައި ދިރިއުޅޭ ދަރިވަރުންނަށް އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ޕެންޓްރީއާއި ލޯންޑްރީގެ ހިދުމަތް ވެސް ގާއިމުކޮށްފައިވާނެކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން ދަރިވަރުންގެ ކިޔެވުމާއި ދިރިއުޅުމަށް ފަހި މާހައުލެއް ގާއިމުކުރުމުގެ ގޮތުން ގްރޫޕް ސްޓަޑީއަށް ހާއްސަ މީޓިންގ ރޫމްތަކާއި، ރެސްޓޯރެންޓާ ގުޅިފައިވާ ކޯ-ވޯކިންގ ސްޕޭސްއަކާއި، އާންމު ލައުންޖެއްގެ އިތުރުން ޓެރަސްގައި އައުޓްޑޯ ޖިމެއް ވަނީ ހަދާފައިވެއެވެ. އަދި އިމާރާތުގެ ތިރީ ފްލޯތަކުގައި އޭޓީއެމްއާއި ބޭންކިންގ ހިދުމަތް، ކެފޭ، ޖިމް، ފިހާރަތައް، ޕްރިންޓިންގ ސެންޓަރު އަދި ޖަމިއްޔާތަކާއި ކުދި ވިޔަފާރިތަކަށް ހާއްސަ 18 މިނީ-އޮފީސް ޔުނިޓް ހިމެނެއެވެ.
ރައްކާތެރިކަމުގެ ގޮތުން 24 ގަޑިއިރުގެ ރިސެޕްޝަން ހިދުމަތާއި އެޗްޑީސީގެ އެސްޓޭޓް ސެކިއުރިޓީ ބެލެހެއްޓުން ގާއިމުކޮށްފައިވާއިރު، ލިފްޓްތަކުގައި ފްލޯ-ރެސްޓްރިކްޓެޑް އެކްސެސް ކޮންޓްރޯލް ވަނީ ހަރުކޮށްފައެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މިހާރު ހުޅުމާލޭގައި ކުރިއަށްދާ “ވަރަ އެކްސްޕޯ” އަށް ޒިޔާރަތްކުރާ ފަރާތްތަކަށް “އެކުވެހި” އާ ގުޅޭ އިތުރު މައުލޫމާތު ހޯދުމާއި، އެ ތަން ބަލައިލުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ. މި މަޝްރޫއުގެ ސަބަބުން އަތޮޅުތަކުން މާލެ ސަރަހައްދަށް ކިޔަވަން އަންނަ ދަރިވަރުންގެ އާއިލާތަކަށް އުފުލަންޖެހޭ މާލީ އަދި އިޖުތިމާއީ ބުރައަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.