އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބާއްވަން ނިންމާފައިވާ “ކޮތަރުކޮށި” ޖަލްސާ ބޭއްވުމުގެ ހުއްދަ މާލެ ސިޓީ ކައުންސިލުން ދީފިއެވެ.
އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިދިކޮޅު ކޯލިޝަނުން ބާއްވަން ނިންމި ރައޖަލްސާ އާއި ގުޅިގެން މާލެ ސިޓީ ކައުންސިލާއި ހުޅުމާލޭގެ ކަންކަން ބަލަހައްޓަން ހަވާލުކޮށްފައި އޮންނަ ކުންފުނި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ދެމެދު ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ.
މި ގޮތުން އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭގައި އެއްވެސް ހަރަކާތެއް ހިންގޭނީ އެ ކުންފުންޏަށް ލިޔުމުން އެންގުމުންކަމަށެވެ. އަދި އެ ހަރަކާތެއް ކުރިއަށް ގެންދެވޭނީ އެ ކުންފުނިން ކަނޑައަޅާ ވަކި ސަރަހައްދެއްގައި ކަމަށްވެސް އެޗްޑީސީ އިން ވަނީ ބުނެފައެވެ.
އެހެންނަމަވެސް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް ސޮއިކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުވާފައިވާ ސިޓީއެއްގައި ވަނީ އެ ޖަލްސާ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވުމުގެ އެއްވެސް އިއުތިރާޒެއް ސިޓީ ކައުންސިލްގެ ނެތްކަމަށާއި އެ ޖަލްސާ ކުރިއަށް ގެންދެވޭނެކަމަށް ބުނެފައެވެ.
ޕީޕީއެމް އިން ބުނީ މި ޖަލްސާއަކީ ހިޔާ ފްލެޓްތަކަށް ބަދަލުވި ފަރާތްތަކާއި ރައީސް ޔާމީން ބައްދަލު ކުރެއްވުމަށް ބާއްވާ ޖަލްސާއެއް ކަމަށެވެ.