English Edition
Dhivehi Edition
އާ އަހަރު ފެށުމަށް ބޭއްވި މިއުޒިކް ޝޯ ފޮޓޯ: މިހާރު

ކޮންމެ ހަފުތާއަކު އެއްފަހަރު ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ “ވީކެންޑް އުފާ” ޝޯވް ރާވާ ހިންގާދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ކުރި އިއުލާނުގައި ބުނީ 1 ނޮވެންބަރ 2021 ގައި ކުރި ނަމްބަރު 141/2021/283/IUL)141-YD) އިޢުލާނާއިގުޅިގެން ހުށަހެޅި ބިޑްތައް ބަލައިގަތުމުގައި ދިމާވި މައްސަލައަކާއި ގުޅިގެން އެ ބިޑްތައް ބާޠިލުކޮށް އަލުން މިފުރުޞަތު ހުޅުވާލާކަމަށެވެ.

މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މިއުޒިކް ކުޅޭނެ ބޭންޑްތައް ހޯދުމާއި ހަމަޖެއްސުން، ޝޯވް ލައިވްކުރާނެގޮތުގެ މަޢުލޫމާތު، ޝޯވ ބޭއްވުމަށް ފައިސާހޯދާނެގޮތުގެ ތަފްސީލު، ޝޯވގެ ބައިވެރިންނަށް ރިފްރެޝްމެންޓް ތައްޔާރުކޮށްދިނުން (30މީހުންނަށް) އަދި ޝޯވ މާކެޓްކޮށް އިޝްތިހާރުކުރާނެގޮތުގެ މަޢުލޫމާތު ހިމަނައިގެން ޕްރޮޕޯސަލް ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިފައެވެ. މިކަމަށް ހޮވޭފަރާތަކާއި އެކު އެގްރީމެންޓް ކުރެވޭނީ އެއްބަސްވުމުގައި ސޮއިކުރާ ދުވަހުން ފެށިގެން 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށްކަމަށްވެސް މިނިސްޓްރީން ވަނި ބުނެފައެވެ.

އިތުރަށް ޔޫތު މިނިސްޓްރީން ބުނީ ޝޯވ ބާއްވާނެތަނާއި، ސްޓޭޖް އަދި ސައުންޑާއި ލައިޓިންގ ހަމަޖައްސައިދޭނީ އެ މިނިސްޓްރީންކަމަށެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ޑިސެންބަރ 14 ވާ އަންގާރަ ދުވަހުގެ 13:00 އަށް މާލޭ ސޯޝަލް ސެންޓަރަށް ޕްރޮޕޯސަލް ހުށަހެޅުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިފައެވެ.