English Edition
Dhivehi Edition
ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި މިއަދު އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.

ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ފޮރިން މިނިސްޓްރީ ވއިން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ، މި ދަތުރުފުޅަކީ ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ މެދުގައި އޮންނަންވާނެ ގުޅުމާއި ދެ ގައުމުން ގުޅިގެން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށް ކުރައްވާ މުހިންމު ދަތުރުފުޅެއް ކަމަށެވެ.

ވަޒީރުގެ ރަސްމީ ދަތުރުފުޅުގެ އެޖެންޑާގައި ހިމެނޭ ބައްދަލުވުންތަކުގައި، ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށް ލަފާކުރެވެ އެވެ. ޚާއްސަކޮށް ދިވެހިރާއްޖޭގެ ތަރައްޤީއަށް އިންޑިއާގެ ފަރާތުން ފޯރުކޮށްދެވިދާނެ އެހީތަކާ ބެހޭ ގޮތުންނާއި ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ ކަންކަމުގައި އިންޑިއާއާ ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ ކަމަށް ބެލެވެ އެވެ.

މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ވަޑައިގެންނެވިފަހުން ފޮރިން މިނިސްޓަރު ފެންވަރުގެ ބޭފުޅަކު އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި އޮތް ރަސްމީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެ ގައުމުގެ އިސްވެރިން ވަނީ ވިދާޅުވެފައެވެ.