މާލެ އާއި ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ ބަނގުރަލާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ޑްރަގް އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 28 އަހަރުގެ ބަނގުލަދޭޝް ފިރިހެނަކާއި 51 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ. މި ތިން މީހުން ހައްޔަރުކޮށްފައިވަނީ، މާލެއާއި ހުޅުމާލާގައި ގާނޫނާއި ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މި މަހުގެ 1 ވަނަ ދުވަހުއެވެ.
ފުލުހުން ބުނީ ބަނގުރާފުޅިތަކާއެކު 27 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ މާލެއިން ޓެކްސީއެއް ހުއްޓުވައި އެޓެކްސީ ބަލައިފާސްކުރިއިރު ބަނގުރާފުޅިއެއް ފެނުމާ ގުޅިގެންކަމަށެވެ. އަދި 28 އަހަރުގެ މީހާ އާއި 51 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ސައިކަލެއް ހުއްޓުވައި ބަލައިފާސްކުރިއިރު 22 ފުޅި ބަނގުރާ ފެނުމާ ގުޅިގެންކަމަށް ފުލުހުން ވަނީ ބުނެފައެވެ،
މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 27 އަހަރުގެ މީހާއަށް 5 ދުވަސް މުއްދަތެއް ދީފަައެވެ. އަދި 28 އަހަރުގެ މީހާއާއި 51 އަހަރުގެ މީހާއަށް 3 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.
މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.