English Edition
Dhivehi Edition
ފުލުހުން

ނިމިދިޔަ އޮގަސްޓު މަހު ފުލުހުންނަށް ރިޕޯޓުކުރި 1،091 މައްސަލައިގެ ތެރެއިން ގާތްގަނޑަކަށް ތިންބައިކުޅަ އެއްބަޔަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތައް ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. ފުލުހުން އާންމުކޮށްފައިވާ މި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ކުޑަކޮށް ދަށް އަދަދެކެވެ.

އޮގަސްޓު މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެގޮތުން އެ މަހު ހުށަހަޅާފައިވާ މައްސަލަތަކުގެ 31.3 ޕަސަންޓަކީ މަސްތުވާތަކެތީގެ މައްސަލަތައް ކަމަށްވާ އިރު، 23.6 ޕަސަންޓަކީ ވައްކަމުގެ މައްސަލަތަކެވެ. ޖުލައި މަހު ފުލުހުންނަށް 1،179 މައްސަލަ ރިޕޯޓުކޮށްފައިވާއިރު، އޮގަސްޓު މަހުގެ ޖުމްލަ އަދަދު ވަނީ 1،091 އަށް ދަށަށް ގޮސްފައެވެ.

އޮގަސްޓު މަހުގެ ތަފާސްހިސާބުތަކަށް ވަކިވަކިން ބަލާއިރު، މަސްތުވާތަކެއްޗާ ގުޅޭ 341 މައްސަލައާއި، ވައްކަމާ ގުޅޭ 257 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން މަގުމަތީގެ އެކްސިޑެންޓްތަކާ ގުޅޭ 210 މައްސަލައާއި، އެއްޗެހި ގެއްލިގެން 88 މައްސަލަ އަދި މުދަލަށް ގެއްލުންދިނުމުގެ 65 މައްސަލަ ވަނީ ހުށަހަޅާފައެވެ. އަދި ޖިންސީ ކުށްތަކުގެ 27 މައްސަލައާއި ގެވެށިއަނިޔާގެ 24 މައްސަލަ ވެސް މި މުއްދަތުގެ ތެރޭގައި ރިޕޯޓުކޮށްފައިވެއެވެ.

މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ރިޕޯޓުކުރި ޖުމްލަ މައްސަލަތަކުގެ އަދަދު ވަނީ 8،566 އަށް އަރާފައެވެ. މި މުއްދަތުގެ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. އެގޮތުން މުޅި އަހަރަށް ބަލާއިރު 27.4 ޕަސަންޓަކީ ވައްކަމުގެ މައްސަލަތައް ކަމަށްވާ އިރު، 23.8 ޕަސަންޓަކީ މަގުމަތީ އެކްސިޑެންޓްތަކާ ގުޅޭ މައްސަލަތަކެވެ. އަދި 21.5 ޕަސަންޓު މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަތަކެވެ.

މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ކުށް މަދުކުރުމުގެ ހާއްސަ އޮޕަރޭޝަންތައް ފުލުހުން އަންނަނީ ހިންގަމުންނެވެ. އަދި ރައްޔިތުން ހޭލުންތެރިކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ތަފާތު ޕްރޮގްރާމުތައް ވެސް އަންނަނީ ކުރިއަށް ގެންދަމުންނެވެ.