English Edition
Dhivehi Edition
މާލެސިޓީ

މާލެއާއި ވިލިމާލޭގެ އާބާދީއަށް ބޭނުންވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި، މާލެ ސިޓީ ކައުންސިލްގެ އިހުތިސާސުން 14 ބިމެއް ވަކިކޮށް، ދައުލަތުގެ މިލްކިއްޔާތުގެ ދަށަށް ގެނެސް އެ ބިންތަކުގައި ހިންގާނެ ބޮޑެތި މަޝްރޫއުތައް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ. މި ބިންތައް ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރަން ނިންމާފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުންނެވެ.

މި ނިންމުމާއެކު މާލޭގެ މުހިންމު ސަރަހައްދުތަކުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތަފްސީލު ސަރުކާރުން މިހާރު ވަނީ ހާމަކޮށްފަ އެވެ. އެގޮތުން، މަސް މާރުކޭޓު ހުރި ބިމުގައި އޮފީސް އަދި ވިޔަފާރިއަށް ކުއްޔަށްދޭ އިމާރާތެއް އެޅުމަށް ވަނީ ކަނޑައަޅާފަ އެވެ. އަދި މަގްބޫލު ސަލްޓަން ޕާކު އަދި މިއުޒިއަމް ސަރަހައްދުގައި އީ-ސްޕޯޓްސް އެރީނާއަކާއި މިއުޒިއަމް ޕާކެއް ތަރައްގީކުރުމަށް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން ލޯކަލް މާރުކޭޓު ހުރި ބިމުގައި ޒަމާނީ ފެންވަރުގެ މާރުކޭޓު ކޮމްޕްލެކްސެއް އެޅުމަށާއި، ދަތުރުވެރިންގެ މާރުކޭޓު ހުރި ސަރަހައްދުގައި މިކްސް-ޔޫސްޑް ކޮމާޝަލް ޑިވެލޮޕްމަންޓެއް ހިންގުމަށް ވެސް ވަނީ ރާވާފަ އެވެ. މި ބަދަލުތަކުގެ ތެރޭގައި ރަސްފަންނާއި ކާނިވާ ކެފޭ ޕާކިން އޭރިއާ ހިމެނޭހެން އާންމުން ބޭނުންކުރާ ގިނަ ސަރަހައްދުތަކެއް ސަރުކާރުގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

މިފަދަ ބޮޑެތި ބަދަލުތަކެއް ގެނައުމުގެ މައިގަނޑު މަގްސަދަކީ ހުސްކޮށްހުރި ބިންތަކާއި އާންމު ސަރަހައްދުތައް ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައި، ދެމެހެއްޓެނިވި އުސޫލަކުން ތަރައްގީކޮށް ބެލެހެއްޓުން ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުތައް ނިމުމުން މާލޭގެ ވިޔަފާރިއާއި އިގްތިސާދީ ހަރަކާތްތަކަށް އިތުރު ދިރުމެއް ލިބި، އާންމުންނަށް ޒަމާނީ ހިދުމަތްތަކާއި ހިތްފަސޭހަ މާހައުލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެ އެވެ.