English Edition
Dhivehi Edition
ކުރީގެ ރައީސް ޑރ.މުޙައްމަދު ވަޙީދު ޙަސަން މަނިކު

ރައީސް ޔަމީން ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރީގެ ރައީސް އަދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ސްޕެޝަލް އެޑްވައިޒަރ ޑރ.މުހައްމަދު ވަހީދު ހަސަންމަނިކު ގޮވާލައްވައިފިއެވެ.

“މަރުހަބާ ރައީސް ޔާމީން”ގެ ނަމުގައި ކާނިވާ ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޑރ. ވަހީދު ވިދާޅުވީ، މިހާރު ރާއްޖޭގެ ސަރުކާރާ ޕީޕީއެމް ޕީއެންސީގެ ފަރާތުން ރައީސް ޔާމީން ހަވާލުވެވަޑައިގަންނަވަން ޖެހޭ ކަމަށެވެ. މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޑރ. ވަހީދު ވިދާޅުވީ، މިއަދު ފެންނަނީ ސަރުކާރުން ހާކާލަ ހާކާލައި ތިބޭ މަންޒަރު ކަމަށާއި، އެއަށް ފަހު ފަހަތު ފަޔަށް ބުރަވެ ސަރުކާރުން ކަންނެތްކަމާއެކު ދެމިލައިގެން ތިބޭ މަންޒަރު ކަމަށެވެ.

ވަހީދު ވިދާޅުވީ، ވެރިކަން ކުރައްވަން ވާނީ ދުރުވިސްނޭ ސިޔާސަތެއް އޮންނަ ބޭފުޅެއް ކަމަށާއި ރައީސް ޔާމީނަކީ އެފަދަ ވެރިއެއް ކަމުގައެވެ. އެމަނިކުފާނު ނަމޫނާއަކަށް ބެއްލެވީ ތަރައްގީވެފައިވާ ގައުމުތައް ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ފެއްޓެވި ބިޔަ މަޝްރޫއުތައް ވަށައިގެން ފެންނަމުންދާ ކަމުގައެވެ.

ވެރިކަމާ ހަވާލުވާން ވާނީ ކުރިއަށް އޮތް އަހަރުތަކަށް ތަސައްވުރެއް އޮވެގެން ކަމަށާއި، ނަމަވެސް މިއަދުގެ ސަރުކާރުގައި އެއްވެސް ތަސައްވުރެއް ނެތް އިރު، މީގެ 20 އަހަރު ފަހުން ގައުމު އޮންނާނެ ގޮތުގެ ތަސައްވުރެއްވެސް މިއަދުގެ ސަރުކާރަށް ބުނެދެވިފައި ނެތްކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.

ދިވެހިންގެ ގޮތަކީ ކަމަކަށް ކުރިމަތިލައިފިނަމަ އެކަމެއް ނިމެންދެން ކެރިގެން ތިބުން ކަމަށާއި އެގޮތުން ޝަރުއީ ނިޒާމުގައި އެކި ފަރާތްތަކުގެ ނުފޫޒު އޮވެމެ ރައީސް ޔާމީން މިނިވަން ވުމަކީ ކާމިޔާބީއެއް ކަމަށް ވަހީދު ވިދާޅުވިއެވެ.

ރާއްޖެ ހިމާޔަތް ކުރުމުގެ ނަމުގައި އެއްވެސް ގައުމެއްގެ ސިފައިން ބޭތިއްބުމަކީ، ގަބޫލް ކުރެވޭ ކަމެއް ނޫން ކަމަށާއި، ދިވެހިންނަކީ އެންމެންގެވެސް ރަހުމަތްތެރިއަކަށްވެފައި ރާއްޖޭގެ ބިމާ ކަނޑުތަކަށް ރާއްޖޭގެ ބާރު ކެނޑޭ އެއްވެސް ކަމެއް ބަލައި ނުގަނެވޭނެ ކަމަށް ވަޙީދު ވިދާޅުވިއެވެ.