English Edition
Dhivehi Edition

ގދ. ތިނަދޫ ކައުންސިލުން ކޮންމެ އަހަރަކު ބާއްވަމުން އަންނަ އެކައުންސިލްގެ ޤުރުއާން ކިޔެވުމުގެ މުބާރާތް، މިއަހަރު އެކި އުމުރުފުރާތަކުން 317 ބައިވެރިންނާއެކު މިއަދު ފަށައިފިއެވެ.

ތިނަދޫ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެކަމަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ “ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލުގެ ގުރުއާން މުބާރާތް – 2021” ގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ގދ. އަތޮޅު ކައުންސިލްގެ ރައީސް ހަސަން ފައިހަތު ގުދުރަތުالله އާއި އެ ކައުންސިލްގެ މެމްބަރުންނެވެ.

މިމަހުގެ 02 ވަނަ ދުވަހުން ފެށިގެން 04 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިނަދޫ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. މިއަހަރުގެ މުބާރާތުގައި ވެސް ބަލައިގެން ކިޔެވުމުގެ ކެޓަގަރީއާއި ނުބަލައި ކިޔެވުމުގެ ކެޓަގަރީގެ ކިޔެވުން ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މުބާރާތާއި ބެހޭގޮތުން މައުލޫމާތު ދެއްވަމުން ތިނަދޫ ކައުންސިލުން ވިދާޅުވި ގޮތުގައި މިއީ، ކުޑަ ކުދިންގެ ހިތްތަކުގައި ކީރިތި ޤުރުޢާން ކިޔެވުމަށް ލޯބި ޖައްސައި ގުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވައި، ފެތުރުމަށް މަސައްކަތްކުރުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ. އަދި ކީރިތި ގުރުއާން ހިތުދަސްކުރުމަށާއި، ތަޖުވީދުމަގަށް ގުރުއާން ކިޔެވުމަށް ހިތްވަރުދިނުމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމާއި ކީރިތި ގުރުއާން ރައްކާތެރި ކުރުމަށް މަސައްކަތް ކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.

މުބާރާތުގެ ޖަޖުންގެ ގޮތުގައި ހަރަކާތްތެރި ވަނީ ތަޖުރިބާކާރު ބޭފުޅުން ކަމުގައިވާ އަލީ ވަހީދު އާއި ހުސެއިން ރުޝްދީގެ އިތުރުން މޫސާ އަހުމަދު އެވެ.

ގދ. ތިނަދޫގެ ސްކޫލް މަދުރަސާތަކުގެ ދަރިވަރުންގެ އިތުރުން އަމިއްލަ ފަރާތްތަކުން ވެސް މި އަހަރުގެ މުބާރާތުގައި ވަނީ ބައިވެރިވެފައެވެ. އަދި މިއަހަރުގެ މުބާރާތުގައި ރަށުން ބޭރުގެ ގިނަ ކުދިންތަކެއް ވެސް ވަނީ ބައިވެރިވެފައެވެ.

ތިނަދޫ ކައުންސިލުން މިހާތަނަށް 08 ޤުރުއާންކިޔެވުމުގެ މުބާރާތް ބާއްވާފައިވާ އިރު އެންމެ ފަހުން ބޭއްވި ތިނަދޫ ކައުންސިލް ޤުރުއާން ކިޔެވުމުގެ މުބާރާތުގައި ޖުމްލަ 238 ބައިވެރިން ވަނީ ކިޔެވުން ފުރިހަމަކޮށްފައެވެ.