ގދ. ނަޑެއްލާ ކައުންސިލުން އިސްނަގައިގެން އެރަށުގެ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ އެންމެ އަގު ބޮޑު ވޮލީބޯޅަ މުބާރާތް, އެސްޓީއޯ ނަޑެއްލާ ކައުންސިލް ވޮލީބޯލް ޓޯނަމެންޓް 2022 ގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ބޫމަރޭންގް އިން ހޯދައިފިއެވެ.
މިއަދު ހަވީރު ނަޑެއްލާ ވޮލީ ކޯޓުގައި ކުޅުނު ފައިނަލް މެޗު އެ ޓީމުން ކާމިޔާބުކޮށްފައި ވަނީ ސީދާ ތިން ސެޓުން އަތަމާގެ މައްޗަށް ކުރި ހޯދައިގެންނެވެ.
މި މެޗުގެ ކުއީން އޮފް ދަ މެޗަކަށް ހޮވިފައި ވަނީ ބޫމަރޭންގް ޓީމުގެ ޖާރޒީ ނަންބަރު 07 އާމިނަތު އިބްރާހިމެވެ. މުބާރާތުގެ މި ޑިވިޝަނުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ބޫމަރޭންގް ޓީމުގެ ޖަރޒީ ނަންބަރު 02 ޝިފްޒާ ނަޖީބެވެ. އަދި އެންމެ އުއްމީދީ ކުޅުންތެރިއަކަށް ގޮއްޔެ ޓީމުގެ ޖަރޒީ ނަންބަރު 20 ޝަޒުފާ ރަޝީދު ހޮވިފައިވާއިރު އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ ބޫމަރޭންގް ޓީމުގެ ނާފިޒް އިބްރާހިމެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ދެ ޓީމުން ވެސް ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ބޫމަރޭންގްއިން ގެންދިޔައީ 25-23 އިންނެވެ. އަދި ދެވަނަ ސެޓުގައި ދެ ޓީމުން ވާދަވެރި ކުޅުމެއް ކުޅެ ބޫމަރޭންގް އިން ވަނީ 25-22 އިން ސެޓު ގެންގޮސްފައެވެ. ފަހު ސެޓުގައި ބޫމަރޭންގްގެ ތަޖުރިބާކާރު ކުޅުންތެރިންގެ ފައިދާ ނަގާ އެ ޓީމުން ވަނީ 25-16 އިން ސެޓު ކާމިޔާބުކޮށްފައެވެ.
މި މެޗު ޝަރަފްވެރިކޮށްދެއްވާ އަންހެން ޑިވިޝަނުގެ ވަނަތަކަށް ހޮވުނު ޓީމުތަކަށް ރަމްޒީ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްފައި ވަނީ ގދ. އަތޮޅު ކައުންސިލުގެ ރައީސް ހަސަން ފައިހަތު ގުދުރަތުﷲ އެވެ. ގދ. ނަޑެއްލާ ކައުންސިލުން މުބާރާތުގެ ޗެންޕިއަން ޓީމަށް 10,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވެއެވެ.
މި މުބާރާތަކީ ނަޑެއްލާ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް, ކުޅިވަރުގެ މައިދާނުގައި ވާދަވެރިކަން އުފައްދާ, ނަޑެއްލާގައި ވޮލީ ކުޅުންތެރީން އުފެއްދުމުގެ މަޤްޞަދުގައި ގދ. ނަޑެއްލާ ކައުންސިލުން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ މުބާރާތެކެވެ.