English Edition
Dhivehi Edition

ގދ. ނަޑެއްލާ ކައުންސިލުން އިސްނަގައިގެން އެރަށުގެ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް, “އެސްޓީއޯ ނަޑެއްލާ ކައުންސިލް ވޮލީބޯލް ޓޯނަމެންޓް 2022”ގެ ފައިނަލް މެޗުތައް މިއަދު ކުރިއަށްދާނެއެވެ.

05 ސެޓަށް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ނަޑެއްލާ ވޮލީކޯޓުގައި ކުރިއަށްދާއިރު، އަންހެން ޑިވިޝަނުގެ ފައިނަލުގައި ބޫމަރޭންގް އާއި އަތަމާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ ހަވީރު 16:15 ގައެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ކަނޑުގުރުވަ އާއި އަޑެފަޓާ ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 20:15 ގައެވެ.

މި މުބާރާތަކީ ނަޑެއްލާ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް, ކުޅިވަރުގެ މައިދާނުގައި ވާދަވެރިކަން އުފައްދާ, ނަޑެއްލާގައި ވޮލީ ކުޅުންތެރީން އުފެއްދުމުގެ މަޤްޞަދުގައި ގދ. ނަޑެއްލާ ކައުންސިލުން ކޮންމެ އަހަރަކު ބާއްވަން ނިންމާފައިވާ މުބާރާތެކެވެ.

އަންހެން އަދި ފިހިރެން ދެ ޑިވިޝަނަށް ކުރިއަށްގެންދާ މި މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެންޕިއަން ޓީމަކަށް 10,000 ރުފިޔާގެ އަދި ރަނަރަޕް ޓީމަކަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާތަނަށް ނަޑެއްލާގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތެވެ.

ގދ. އަތޮޅު ކައުންސިލް މެއިން ސްޕޮންސަރެއްގެ ގޮތުގައި ހަމަޖެހިފައިވާ މި މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ. މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ އެސްޓީއޯއެވެ. އަދި އެސޯސިއޭޓް ޕާޓްނަރަކީ ނަޑެއްލާ އައިލެންޑް ޑެވެލޮޕްމަންޓް ސޮސައިޓީ (ނިޑްސް)އެވެ. އަދި ޓްރެވެލް ޕާޓްނަރަކަށް ޝޭޑީ އެކްސްޕްރެސް ހަމަޖެހިފައިވާއިރު ބްރޭންޑިންގ ޕާޓްނަރުންގެ ގޮތުގައި ހަމަޖެހިފައިވަނީ ރާޅު އާޓްސް އެންޑް ޑިޒައިންއެވެ.