English Edition
Dhivehi Edition

ގދ. ނަޑެއްލާ ކައުންސިލުން އިސްނަގައިގެން އެރަށުގެ ޒުވާނުންނަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ވޮލީބޯޅަ މުބާރާތް, “އެސްޓީއޯ ނަޑެއްލާ ކައުންސިލް ވޮލީބޯލް ޓޯނަމެންޓް 2022”ގެ އަންހެން ޑިވިޝަނުގެ ފައިނަލަށް ބޫމަރޭންގް އާއި އަތަމާ ދަތުރުކޮށްފިއެވެ.

އަންހެން ޑިވިޝަނުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައި ވަނީ ބޫމަރޭންގްއެވެ. އެ ޓީމުން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުންވެސް މޮޅުވެ އެއްވަނަ ހޯދައިގެންނެވެ. ބޫމަރޭންގް އިން ފުރަތަމަ މެޗުގައި ގޮއްޔެ އާއި ދެކޮޅަށް ކުޅުނުއިރު، އެ މެޗު އެ ޓީމުން ކާމިޔާބުކުރީ 3-0 ސެޓުންނެވެ. އަދި ދެވަނަ މެޗުގައި އަތަމާގެ މައްޗަށް ކުރިހޯދީ 3-1 ސެޓުންނެވެ.

ފައިނަލުގެ ދެވަނަ ޖާގަ އަތަމާ އިން ހޯދީ ގޮއްޔެ އާއި ދެކޮޅަށް ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-0 ސެޓުގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ނަމަވެސް މިއަދު ހަވީރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ބޫމަރޭންގް އާއި ވާދަކުރި މެޗުގައި އަތަމާ ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ.

05 ސެޓަށް މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތް ނަޑެއްލާ ވޮލީކޯޓުގައި ކުރިއަށްދާއިރު، އަންހެން ޑިވިޝަނުގެ ފައިނަލުގައި ބޫމަރޭންގް އާއި އަތަމާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ހަވީރު 16:00 ގައެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ 20:00 ގައެވެ.

އަންހެން އަދި ފިހިރެން ދެ ޑިވިޝަނަށް ކުރިއަށްގެންދާ މި މުބާރާތުގެ ކޮންމެ ޑިވިޝަނެއްގެ ޗެންޕިއަން ޓީމަކަށް 10,000 ރުފިޔާގެ އަދި ރަނަރަޕް ޓީމަކަށް 5,000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މިހާތަނަށް ނަޑެއްލާގައި ބޭއްވޭ އެންމެ އަގުބޮޑު މުބާރާތެވެ.

1 ކޮމެންޓް
ކަލޯ
ނޮވެމްބަރު 14, 2022
އަޚުތަރު މައުލޫމާތެ ހޮވައިގެން ލެޔަހެން އެވޭލެ ރަނގަޅެވެންނޭ.