English Edition
Dhivehi Edition

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި އައްޑޫގައި ހަދަމުން އަންނަ ޕޮލިސް އެކެޑަމީ އަންނަ އަހަރު މާޗު މަހު ރަސްމީކޮށް ހުޅުވަން ނިންމައިފި އެވެ.

ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު މުނު މަހާވަރާ، އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ވަނީ ޕޮލިސް އެކެޑަމީއަށް ޒިޔާރަތްކުރައްވާފައެވެ، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދުވެސް ބައިވެރިވެ ވަޑައިގެންނެވި މި ދަތުރުފުޅުގައި އެތަނުގެ މަސައްކަތް ބައްލަވައިލެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެކެޑެމީގައި މިހާރު ނިމިފައި ހުރި ފެސިލިޓީތަކާއި އެކު ދޮޅުމަހެއްހާ ދުވަސް ތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

މުޅި އެކެޑަމީ ނިންމަައި އޮޕަރޭޝަނަށް ގެނައުމުގެ ބަދަލުގައި ތަނުގެ މަސައްކަތްތައް ނިމެމުންދާ ވަރަކަށް ހުރި ވަސީލަތްތަކާ އެކު އޮޕަރޭޝަނަށް ގެނައުމަށް ނިންމާފައިވާކަން ފާހަގަކުރައްވަމުން ހަމީދު ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަހަކަށް އެކެޑަމީ ހުޅުވުންކަމަށެވެ.

އިންސްޓިޓިޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމެންޓް ސްޓަޑީޒް (އައިލްސް) ގެ ނަމުގައި ހަދާފައިވާ މި އެކަޑަމީ ރަސްމީކޮށް ހުޅުވާނީ އެތަނުގައި ފަށާ ފުރަތަމަ ޓްރޭނިން ބެޗާއެކުގައިކަމަށް ހަމީދު ވަނީ ވިދާޅުވެފައެވެ.

އިންޑިއާ ސަރުކާރުން 18 މިލިއަން ޑޮލަރުގެ އެހީގެ ދަށުން އައްޑޫގައި ޕޮލިސް އެކެޑަމީއެއް ހަދަން ފެށީ 2012 ވަނަ އަހަރު އެވެ.