ގޭންގު ހަދައިގެން ބޮޑެތި ކުށްކުރުން ޢާންމުވެފައިވާ ވެށްޓެއް އޮތް މިރާއްޖެއިން އެކަން ބަދަލުކޮށްދިނުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ފުލުހުންގެ ކިބައިން ރޭ އެދިވަޑައިގެންފިއެވެ. ވަޒީރު މިކަމަށް އެދިވަޑައިގެންނެވީ ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
އައްޑޫސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެން ލޯ އެންފޯސްމަންޓުގައި ކުރިއަށްދިޔަ އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިހުސާން ވިދާޅުވީ، ރާއްޖޭގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، އަމާން މާހައުލެއް ހޯދައިދިނުމަކީ މިއަދުގެ ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ކުށްކުރުން މަދުކޮށް، ކުށަށް އަރައިގަންނަ މީހުންގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ރައްޔިތުންނަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރުމަކީ ދައުލަތުގެ އެންމެ މުހިންމު އެއް ވާޖިބު ކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.
އަދި އެކަން އެގޮތަށް ކުރުމަށްޓަކައި އެންމެ މުހިންމު ވާޖިބު އަދާކުރާ ބަޔަކީ ފުލުހުން ކަން ހާމަކުރައްވަމުން އިޙުސާން ވިދާޅުވީ ސަރުކާރުން މިއަދު ފުލުހުންގެ ކިބައިން އެދޭ އެންމެ މުހިންމު ކަމަކީ ރާއްޖެއަކީ މަސްތުވާ ތަކެތިން ސަލާމަތްވެފައިވާ މުޖުތަމަޢަކަށް ހަދައިދިނުމާއި ގޭންގު ހަދައިގެން ކުށްކުރަމުންދާ ވެއްޓެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކޮށްދިނުމަށެވެ.
ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީވެސް އެމަނިކުފާނެވެ. އޭގެ އިތުރުން ޚާއްސަ މެހެމާނެއް ގޮތުގައި ސްރީލަންކާގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ދޭޝްބަނދު ތެންނަކޫން ވަނީ މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.
ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުން ހުރިހާ ގޮތަކުން އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ ބީފާނު ސްކޮޑެވެ.
ހުރިހާ ގޮތަކުން އެންމެ މޮޅު އޮފިސަރަކަށް ހޮވިފައިވަނީ ސާޖެންޓު އަހުމަދު ނިހާދެވެ. އަދި ސާޖެންޓް ނިހާދު ވަނީ ކޮމިޝަނާސް އެކްސެލެންސް އެވޯޑުވެސް ހާސިލް ކުރައްވާފައެވެ.
މި ކޯހުގައި 164 ދަރިވަރުން ވަނީ ކޯހުން ދަސްވެނިވެފައެވެ. އެއީ 128 ފިރިހެނުންނާއި 36 އަންހެނުންނެވެ.