އިންޑިއާ ސަރުކާރުގެ އެހީގައި އައްޑޫގައި ގާއިމް ކުރި ޕޮލިސް އެކަޑަމީ ވެފައިވަނީ ވޭތުވެދިޔަ 3 ސަރުކާރުގައިވެސް އެންމެ ގިނަ ބައެއްގެ ފާޑު އަމާޒުވި އެއް މުވައްސަސާއަށެވެ. އިންޑިއާގެ ސްރީ އަވަންތިކާ ކޮންޓްރެކްޓާސް ލިމިޓެޑުން 2017 ގައި އެތަން ޢިމާރާތް ކުރަން ފެށުމާއި ހަމައިން ގިނަ ބަޔަކު ދިޔައީ އެކި ނަން ނަމުގައި އެތަން ލޭބަލް ކޮށް ކުރަހަމުންނެވެ. ކޮންމެ ސިޔާސީ ވެރިއަކަށް ފަހަރަކު ކަމެއް ނަގައިގެން ޕޯޑިއަމްތަކުގައި އެއަޑެއް ގުގުމާތާ ދުވަސްތަކެއް ފާއިތުވެ ދިއުމަށްފަހު 2022 މާރޗް 27 ވަނަ ދުވަހަކީ އެ ބޮޑު މަޝްރޫޢަށް ނިމުން ގެނެސް ރަސްމީ ސިފައިގައި ޚިދުމަތްދޭން ފެށި ޚާއްސަ ދުވަހެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ޙަޔާތުން އަހަރެއް އިއްޔެ ފާއިތުވެގެން އެދިޔައީ ރާއްޖޭގެ ދަރިންނަށް ޓަކައި ޤުރުބާންވާ ޙާލުގައެވެ. އަހަރީ ދުވަހުގެ ޙަފްލާގައި ދިވެހި ދިދަ އައްޑޫގެ ޖައްވުގައި ވިހުރުވަމުން ފަޚުރުވެރި ކަމާއެކު ރަމްޒުކޮށްދިނީ އެ އެކަޑަމީ ދިރި ދެމިއޮތީ ދިވެހި ދަރީންނަށްޓަކައި ކަމެވެ.
އެކޮލެޖުގައި ކިޔަވައި ދިނީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަންއެވެ. އެތައް ސަތޭކަ ބައިވެރިންނާއެކު ހިންގި ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ 34 އާއި 35 ވަނަ ބުރެވެ. ހިންގުމުގެ ދާއިރާއާއި ފަންނީ ދާއިރާ ތަކުން ހިންގި ކުރު މުއްދަތުގެ ގިނަ ކޯސްތަކެވެ. މިވަރަކުން އަދި ފުދުނީކީ ނޫނެވެ.
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަކީ މިއަދު އައްޑޫގެ އެކިއެކި މުވައްސަސާތަކާއި ސްކޫލްތަކުގެ ވެސް ގާތް އާރުކާޓީއެކެވެ. 18 މިލިއަން ޑޮލަރު ޚަރަދުކޮށްގެން އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ހަދާފައިވާ މި ތަނުގައިވާ 400 މީޓަރުގެ ޓްރެކަކީ ސްކޫލް ޕްރެކްޓިސްތަކުގައި ބޭނުންކުރުމަށް ހުޅުވާލެވިފައިވާ ތަނެކެވެ.
އެތަނުގައިވާ 800 މީހުންގެ ޖާގައިގެ ޖިމާއި ފުޓްބޯޅަ ދަނޑާއި ބާސްކެޓް ކޯޓާއި ޓެނިސް ކޯޓުގެ ބޭނުން ހިފުމުގެ އިތުރަށް ކޮލެޖްގައި ގާއިމްކުރެވިފައިވާ 340 މީހުންގެ އޮޑިޓޯރިއަމަކީ މުހިއްމު އެތައް ޙަފްލާއަކަށް މިހާރުވެސް މަގުފަހިވެފައިވާ ތަނެކެވެ.
އެންމެ އުފާވެރި މަންޒަރެއް ފެނިގެން ދިޔައީ ކޮލެޖްގައި ގާއިމް ކޮށްފައިވާބިޔަ ބޮޑު ސްވިމް ޕޫލް ބޭނުންކުރާ މަންޒަރުގެ ފޮޓޯތަކުން މުޅި ސޯޝަލް މީޑިއާ ފުރާލަމުންދާތީއެވެ. މިއީ ހަމަ ގައިމުވެސް އައްޑޫއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ހީވެސްނުކުރާހާ ބޮޑު ތަރައްޤީއެކެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ޕޮލިސް އެކެޑަމީ ހެދި ނަމަވެސް އެތަން ހިންގުމުގެ ހުރިހާ އާރަކާއި ބާރެއްއޮތީ ދިވެހީންގެ އަތްމަތީގައެވެ. އެތަނާ ގުޅުން ހުރި ހުރިހާ ކަމެއް ހިންގަނީ ދިވެހި ފުލުހުންނެވެ. ފައްސި ވިސްނުމަކާއެކު ކޮލެޖްގެ ދެވަނަ އަހަރަށް ވެސް މަރްޙަބާ ކިޔަމާ ހިންގަވާށެވެ.