English Edition
Dhivehi Edition
އައްޑޫ ސިޓީ މީދޫ ފޮޓޯ: އޭއޯ ނިއުސް

ގަވައިދާއި ހިލާފަށް އައްޑޫ ސިޓީ މީދޫގައި ދިރިއުޅެމުންދާ ބިދޭސީންގެ ކަންކަން ރެގިއުލައިޒް ކުރުމަށް، ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ލޭބަރ އޮތޯރިޓީގެ ޓީމެއް މީދޫ އަށް ޒިޔާރަތްކޮށް އެ މަސައްކަތް ކުރަން ފަށައިފިއެވެ.

މީދޫ އަވަށު އޮފީހުން ނެރުނު ނޯޓިސް އެއްގައި ވަނީ މީދޫގައި ދިރިއުޅެމުންދާ ބިދޭސީންގެ ކަންކަން ރެގިއުލައިޒް ކުރުމަށް، ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ލޭބަރ އޮތޯރިޓީގެ ޓީމެއް މިއަދު މީދޫ އަވަށު އޮފީހުގައި ހިދުމަތް ދެއްވާނެކަމަށެވެ. މި ގޮތުން ލިޔެކިޔުން ހަމަނުވުމުގެ ސަބަބުން ގަވައިދާއި ހިލާފަށް ތިބި ބިދޭސީންގެ ލިޔެކިޔުންތައް ހަމަކޮށްދިނުމުގެ މަސައްކަތް މި ޓީމުން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ޕާސްޕޯޓް ނެތުމުގެ ސަބަބުން އެނބުރި ގައުމަށް ނުދެވި ތިބި ބިދޭސީންގެ ޕާސްޕޯޓް ހެދުމަށް ބޭނުންވާނެ ލިޔެކިޔުންތައް ހެދޭނެ އިންތިޒާމު މި ޓީމުން ހަމަޖައްސައިދޭނެއެވެ. އަދި އެއްވެސް ސްޕޮންސަރ އެއް ނެތި ތިބި ބިދޭސީން ސްޕޮންސާރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އޮތްކަމަށްވެސް މީދޫ އޮފީހުން ވަނީ ބުނަފައެވެ.

ލޭބަރ އޮތޯރިޓީ ޓީމުގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 9:00 އިން 12:00 އަދި 14:00 އިން 18:00 އަށެވެ.

ރާއްޖޭގައި ބިދޭސީންގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު ސަރުކާރުން އަންނަނީ މި މައްސަލަ ހައްލުކޮށް ގަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.