ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ އަމިއްލަ ނަމުގައި ވީއެންމެ އަވަހަކަށް ބޭންކް އެކައުންޓް ހުޅުވައި ނިންމުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން އެންމެހައި ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސްކޮށްފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން އާންމުކުރި އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އެންގުމަކީ ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ގަވާއިދަށް ގެނެވުނު 3 ވަނަ އިސްލާހުގެ 58 ވަނަ މާއްދާގެ (ރ) އަށް ހަވާލާދީ އަންގާފައިވާ އެންގުމެކެވެ. އެ ގަވާއިދުގައިވާ ގޮތުން ބިދޭސީ މުވައްޒަފުންނަށް ދޭންޖެހޭ މުސާރަ ޖާމާކުރަންވާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ރަޖިސްޓަރީކޮށްފައިވާ ނުވަތަ ހުއްދަދީފައިވާ ބޭންކެއްގައި، އެ މުވައްޒަފެއްގެ އަމިއްލަ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށެވެ.
މީގެއިތުރުން، ލޭބަރ ރިލޭޝަންސް އޮތޯރިޓީން ތަހުގީގުކުރާ މުސާރައާ ގުޅޭ މައްސަލަތަކުގައި، މުވައްޒަފަށް މުސާރަ ދީފައިވާކަމަށް ބެލެވޭނީވެސް އެމްއެމްއޭއިން ހުއްދަދީފައިވާ ބޭންކެއްގައި ހުޅުވާފައިވާ މުވައްޒަފުގެ އަމިއްލަ އެކައުންޓަށް މުސާރަ ޖަމާކޮށްފައިވާނަމަ ކަމަށް މިނިސްޓްރީން ފާހަގަކުރެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް 1485 އަށް ގުޅުމަށް ހޯމްލޭންޑް މިނިސްޓްރީން އެދިފައިވެއެވެ.