ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް، ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމަކީ އެ މަނިކުފާނުގެ މައްޗަށް އުފުލާފައިވާ އެހެން ހުރިހާ ދައުވާއެއް ބާތިލްވާން ޖެހޭނެ ހުކުމެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިއަދު ރައީސް ޔާމީނު މިނިވަންކުރުމަށް ހުކުންކޮށްފައިވާއިރު ޝިޔާމު ވިދާޅުވީ ކޯޓުން ކުރި ހުކުމަކީ އިންސާފުވެރި ނިންމުމެއް ކަމަށާއި، މި ހުކުމުން ވެސް ރާއްޖޭގައި އިންސާފުވެރި ފަނޑިޔާރުން ތިބިކަން އެގިގެން ހިގައްޖެކަމަށެވެ. ދަށު ކޯޓުން ކުރި ހުކުމަކީ ސިޔާސީ ހުކުމެއް ކަމަށާއި އެ ހުކުމަށް ހައިކޯޓުން ތާއީދު ކުރުމަކީ ވެސް ސިޔާސީ ކަމެއް ކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ މި ހުރިހާ ކަމަކާއެކުވެސް، ކޮންމެވެސް ހިސާބަކުން އިންސާފު ގާއިމްކުރާނެ ބަޔަކު އެބަތިބިކަން މިއަދު ހާމަވެއްޖެ ކަމަށެވެ.
ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމާއެކު ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ އެހެން ހުރިހާ ދައުވާއެއް ބާތިލްވާން ޖެހޭނެކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ ސުޕްރީމް ކޯޓުން ކުރި ހުކުމުން ދޭހަކޮށްދެނީ ފާސިގުން ދީފައިވާ ހެކިބަހަކީ ތަހުގީގުގައި ވެސް ގަބޫލުކުރެވޭނެ ހެކިބަހެއް ނޫން ކަމެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވާ އެހެން މައްސަލަތަކުގައިވެސް ފާސިގުންގެ ހެކިބަސް ނަގާފައިވާނަމަ ދައުވާ ބާތިލުވާންޖެހޭނެ ކަމަށް ޝީޔާމް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލި މަނީ ލޯންޑްރިންގެ މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ތިން ފަނޑިޔާރުންނަކީ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.