ސާބިތު ދަރަންޏެއް ނުދައްކާ އޮތުމުގެ ސަބަބުން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. މި ހުކުމް ކޮށްފައިވަނީ އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
މި މައްސަލައަކީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓުން ދިން ހަ މަސް ދުވަހުގެ މުއްދަތުގައި ސިނާން ދައްކާފައި ނުވާތީ ހުށަހެޅުނު މައްސަލައެކެވެ. ސުޕްރީމް ކޯޓަށް މި މައްސަލަ ހުށަހެޅުމާއެކު ސިނާން އެ ފައިސާ ދައްކާ ހަލާސްކުރި ނަމަވެސް، ފަނޑިޔާރުންގެ ނިންމުމަކީ ކަނޑައެޅި މުއްދަތުގައި ދަރަނި އަދާކޮށްފައި ނުވާތީ އޭނާގެ ގޮނޑި މިހާރު ގެއްލިފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން، އަބްދުﷲ ހަމީދު، ޑރ. މުހައްމަދު އިބްރާހީމް، އަލީ ރަޝީދު އަހުމަދު އަދި ހުސައިން ޝަހީދެވެ.