English Edition
Dhivehi Edition

ބަރަހަނާ ފޮޓޯތަކެއް ބޭނުންކޮށްގެން ދިވެހި ފިރިހެނަކަށް ބިރުދައްކައި، ގިނަ އަދަދެއްގެ ފައިސާ އަތުލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަށު ކޯޓުތަކުން ބޭރުކޮށްލުމާ ގުޅިގެން، ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ބްލެކްމެއިލް ކުރުމުގެ ދައުވާ އުފުލާފައިވާ ސ. ފޭދޫ، ލިލީގަސްދޮށުގެ، މުހައްމަދު ފަވާޒް ލުތުފީގެ މައްޗަށް ތުހުމަތުކުރެވެނީ، އޮރިޔާންކާޑު ހުރިކަމަށް ބުނެ ބިރުދައްކައިގެން އެކި ދުވަސްމަތިން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދާފައިވާ ކަމަށެވެ. ފުލުހުންނަށް މި މައްސަލަ ހުށަހަޅާފައިވަނީ 19 ޑިސެމްބަރު 2024 ގައެވެ.

މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅުނު ކްރިމިނަލް ކޯޓުން ނިންމާފައިވަނީ، މަދަނީ މިންގަނޑުން ބަލާއިރު މި މައްސަލަ ކުރިއަށް ގެންދެވެން ނެތް ކަމަށެވެ. އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުގެ މެޖޯރިޓީ ފަނޑިޔާރުން ވެސް ވަނީ ދަށު ކޯޓުގެ ނިންމުމަށް ތާއީދުކުރައްވާފައެވެ. މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް އިސްފަނޑިޔާރު އަބްދުﷲ ޖަމީލް އާއި ފަނޑިޔާރު އިސްމާއީލް ޝަފީއު ނިންމެވިއިރު، ރައުޔު ތަފާތުވި ފަނޑިޔާރު ފާތިމަތު ފަރުހީޒާ ވިދާޅުވެފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ބާތިލުކުރަން ޖެހޭ ކަމަށެވެ.

ދަށު ކޯޓުތަކުގެ ނިންމުންތަކާއެކު މުހައްމަދު ފަވާޒް ލުތުފީ މި މައްސަލައިން ސަލާމަތްވުމުން، ދައުލަތުން މިހާރު ވަނީ މި މައްސަލަ ރާއްޖޭގެ އެންމެ މަތީ ކޯޓަށް ހުށަހަޅާފައެވެ. ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، ދައުލަތުގެ ފަރާތުން މި މައްސަލަ އިސްތިއުނާފަށް ވައްދާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައެވެ. ދައުލަތުގެ އަމާޒަކީ ދަށު ކޯޓުތަކުގެ ނިންމުންތައް ބާތިލުކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުކުރުމަށްޓަކައި ޝަރީއަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ހޯދުމެވެ.