ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ގަނެ ވިއްކުމުގައި ހަރަކާތްތެރިވަމުން ދިޔަ ދެ ބިދޭސީން ހައްޔަރުކޮށްފިއެވެ.
ގިނަ އަދަދެއްގެ ޑޮލަރު ކަޅުބާޒާރުގައި ވިއްކާ މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްގެ ރޮބީއުﷲ ނަމަކަށް ކިޔާ އުމުރުން 29 އަހަރުގެ މީހަކާއި ފިރްދައުސް ނަމަކަށް ކިޔާ 31 އަހަރުގެ މީހެކެވެ.
މީގެ ތެރެއިން ރޮބީއުﷲ ބަންދުގައި ބަހައްޓަން ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ، އޭނާއާ ދެކޮޅަށް ފުލުހުން ކުރި ތުހުމަތަކީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެއް ބޭނުންކޮށްގެން ކަޅުބާޒާރުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތެވެ. އެ ތުހުމަތަށް ބާރުދޭ ބައެއް ހެކި ފުލުހުން ކޯޓަށް ހުށަހަޅާފައިވާއިރު އޭނާ 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފިރްދައުސް އަކީ ޖަމާއަތް ހަދައިގެން “ނެޓްވޯކެއް” ގެ ގޮތުގައި ބޭރުފައިސާ ގަނެވިއްކާ މީހެއް ކަމަށް ތުހުމަތު ކުރެވިފައިވާއިރު އޭނާ ރާއްޖޭން ބޭރަށް ފައިސާ ފޮނުވަނީ ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) މެދުވެރިކޮށްކަމަށް ފުލުހުން ވަނީ ކޯޓުގައި ބުނެފައެވެ، އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލައިދޭން އޭނާގެ ވަކީލުން އެދުނު ނަމަވެސް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ،