English Edition
Dhivehi Edition
ރޭ ހުޅުމާލޭގައި ހިނގި އެކްސިޑެންޓު

ހުޅުމާލެ ފޭސް ދޭއްގެ ނިރޮޅުމަގުގައި ރޭ ދަންވަރު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ފަސް މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާ ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 2:55 ހާއިރުއެވެ. އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ތިން މީހުން އަރުވައިގެން ދުއްވާފައި ދިޔަ ސައިކަލެއް، ދެ މީހުންނާއެކު ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. ތިން މީހުންނާއެކު ދުއްވި ސައިކަލަކީ ރޭގެ ވަގުތެއްގައި ހުޅުމާލޭގައި ވަރަށް ނުރައްކާތެރިކޮށް އަދި ވަންވޭއާ އިދިކޮޅަށް ބާރު ސްޕީޑުގައި ދުއްވާފައިވާ ސައިކަލެއްކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ވަނީ އެނގިފައެވެ.

މި ހާދިސާގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ތިން މީހަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އަދި އަނެއް ދެ މީހުން ވެސް އައިޖީއެމްއެޗަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަނިޔާވި މީހުންގެ ތެރެއިން ހަތަރު މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.