ރައީސް ޔާމީނަކީ ހަމައެކަނި ރާއްޖޭގައި ހުންނެވި އެންމެ ވަރުގަދަ ލީޑަރު ނޫން ކަމަށާއި އެ މަނިކުފާނަކީ މިވަގުތު ދުނިޔޭގައި ތިއްބެވި އެންމެ ވަރުގަދަ ދެ އިސްލާމީ ލީޑަރުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެއްކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވެއްޖެއެވެ.
އަބްދުއް ރަހީމް މިހެން ވިދާޅުވީ ‘މިނިވަންކަމުގެ ދިފާއުގައި ދިވެހިން’ މި ނަމުގައި ފުވައްމުލައް ސިޓީގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ހިނގާލުމުގައެވެ.
އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ބޭއްވި މި ހިނގާލުމުގައި ފުވައްމުލައް ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ، މި ހިނގާލުމުގައި އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ބައިވެރިވެ ވަޑައިގަންނެވި އިރު މި ހިނގާލުމުގައި އަބްދުއް ރަހީމް ވިދާޅުވީ މިއީ ރާއްޖެ ދުށް އެންމެ އަނިޔާވެރި ސަރުކާރު ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން އަނިޔާތައް ދެމުންދާއިރު ވެސް ރައީސް ޔާމީން އިސްކުރެއްވީ ގައުމު ކަމަށް އަބްދުއް ރަހީމް ވަނީ ވިދާޅުވެފައެވެ.
ރައީސް ޔާމީން ފިޔަވައި ގައުމު ދެކެ ލޯބިވާ، ދިވެހި ލޭ ހިނގާ އެއްވެސް އެހެން ސިޔާސީ ލީޑަރެއް ނެތް ކަން ފާހަގަކުރައްވަމުން އަބްދުއް ރަހީމް ވިދާޅުވީ އުމު އަނބުރާ ހޯދައި މިނިވަންކަން ދިފާއުކުރަން ޔާމީން މިނިވަން ކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ވަނީ މިއީ ފުވައްމުލައް ސިޓީގައި ބޭއްވުނު އެންމެ ވަރުގަދަ ސިޔާސީ ހަރަކާތްކަން ފާހަގަކޮށްފައެވެ.