English Edition
Dhivehi Edition

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލްގައި ޤާއިމުކުރި ދަރިމައިވުމުގެ ޞިއްޙަތާއި ގުޅޭ މަރުކަޒު ” އުފަންވެނި ޞިއްޙަތު”، ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހުކޮށްދެއްވައިފިއެވެ.

މި މަރުކަޒު އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ވަނީ ސަރުކާރުން ރާއްޖޭގެ ޞިއްޙީ ނިޒާމު ފުޅާކޮށް ތަރައްޤީކުރުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ، މި ގޮތުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް ތަރައްޤީކުރުމަށް ވޭތުވެ ދިޔަ ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލަށް ގެނެވުނު ކުރިއެރުންތަކަށް ނައިބު ރައީސް ވަނި އަލި އަޅުއްވާފައެވެ.އަދި މި ތިން އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުން ޚިދުމަތްތައް ހޯދި އަދަދު 3 ލައްކައާ ގާތްކުރާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރި ޚިދުމަތްތަކަކީ މީގެ އެތައް އަހަރެއްގެ ކުރިން ފެށިގެން ވެސް ބޭނުންވެފައިވާ ޚިދުމަތްތަކެއްކަން ނައިބު ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ބަލިވެގެންހޮސްޕިޓަލަށް ޚިދުމަތް ހޯދަން އަންނަ މީހުން ނަށް އަޅާލުމާއި އޯގާތެރިކަމާއި ކުލުނާއެކީ ކަންތައްތައް ފަހިކޮށްދީ އެހީތެރިވެދިނުމަށް ނައިބު ރައީސް ވަނީ އެދިވަޑައިގެންފައެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އިފްތިތާޙްކުރި “އުފަންވެނި ޞިއްޙަތު”މަރުކަޒަކީ މާލެ ސަރަޙައްދު ފިޔަވައި އެހެން ސަރަޙައްދެއްގައި ޤާއިމުކުރި މިފަދަ ފުރަތަމަ މަރުކަޒެވެ.
‎މި މަރުކަޒުގެ ސަބަބުން ދަރިމައިވުމާ ގުޅޭ ގިނަ ޚިދުމަތްތައް އެއްތަނަކުން ލިބިގެން ދާނެއެވެ.