English Edition
Dhivehi Edition

އިޙްތިރާމަކީ އެއްދުވަހުން ލިބޭނެ އެއްޗެއް ނޫންކަމަށާއި، ކޮންމެ މީހަކުވެސް އިޙްތިރާމު ހޯދުމަށްޓަކައި އެމީހެއްގެ ޒިންމާތައް ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއި، އިޚްލާސްތެރިކަމާއެކު އަދާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކަރ ސީރީސް 2023ގައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ސީރީސްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމަށް އައުމުގެ ކުރިން ކުރެއްވި މަސައްކަތްޕުޅުތަކާއި އެކި ތަޖުރިބާތައް ވަރަށް ތަފްޞީލީގޮތެއްގައި ޙިއްޞާކުރައްވާފައެވެ.

އެގޮތުން އެމަނިކުފާނު ވަނީ ތަފާތު މީހުންނާއެކު މަސައްކަތްކުރެއްވުމުން ގިނަ ކަންކަން ދަސްވާކަން ފާހަގަކުރައްވައި، ކޮންމެ މީހެއްގެ ކައިރިންވެސް ދަސްވާނެކަންކަން ހުންނާނެކަން ޤަބޫލުކުރައްވައި މަސައްކަތްކުރެއްވިކަމުގައި ވިދާޅުވެފައެވެ. އަދި އަބަދުވެސް މީހުންގެ ލަފަޔާ އިރުޝާދާއިއެކު މަސައްކަތްކުރެއްވުމަށް ފަސޭހަފުޅުވާކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް އެމަނިކުފާނު ވަނީ މަސައްކަތުގެ މާހައުލަށް އަލަށް ވެންނެވުމަށްފަހު އެމަނިކުފާނު ތަޖުރިބާކުރެއްވި ކަންކަން ޙިއްޞާކުރައްވާފައެވެ.

ހަމަ އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަމަކުން ކާމިޔާބު ޙާޞިލުކުރުމަށް މަސައްކަތްތައް ބައްޓަންކުރެވިދާނެ ގޮތްތަކާގުޅޭގޮތުން އެމަނިކުފާނުގެ ތަޖުރިބާ ޙިއްޞާކުރައްވާފައެވެ.

އެގޮތުން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ ގޮންޖެހުންތަކުން އަރައިވަޑައިގަތުމަށް ހުންނެވިތަނުން ކެނޑިވަޑައިގެން އެހެންތަނަކަށް ބަދަލުވެވަޑައިގެންނެވުމުގެ ބަދަލުގައި އެ ގޮންޖެހުމާއި ކުރިމަތިލައްވައި އެކަން ހައްލުކުރައްވައި ޒިންމާ އަދާކުރެއްވިކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަކި މަޤާމެއްގައި ހުރެގެން މަސައްކަތެއް ކުރެވޭނެކަމަށް ޤަބޫލުކުރުން ދޫކޮށްލައި ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރުމަށް ބާރުއަޅުއްވާފައެވެ. އަދި ރަނގަޅު ނަސޭޙަތްދެއްވާ ފަރާތްތައް ހަނދާންކުރުމަށްވެސް އެމަނިކުފާނު ވަނީ ބާރުއަޅުއްވާފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން ކުރިއަށްގެންދިޔަ ފަހި މުސްތަޤްބަލް ސްޕީކަރ ސީރީސް 2023ގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އޯޑިއަންސްގައި ތިއްބެވި ބޭފުޅުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.