English Edition
Dhivehi Edition

އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ މަސައްކަތްތަކެއް ދަސްކުރަންކަމަށާއި ހުނަރުވެރި ބަޔަކަށްވުމަށް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އިސްކަންދަރު ސްކޫލްގެ އެކި މަޤާމްތަކަށް ހޮވުނު ދަރިވަރުންނަށް ލިޔުން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ނައިބު ރައީސް ވަނީ ކޮންމެ ކުއްޖަކު ވެސް އެ ކުއްޖެއްގެ ހުންނަ ހުނަރު ދެނެގަނެ، އެ ހުނަރު ތަރައްގީކުރުމަށް މަސައްކަތްކުރަންޖެހޭކަން ފާހަގަކުރައްވާފައެވެ.

އެގޮތުން އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ މަސައްކަތްތަކެއް ދަސްކުރަންކަމަށާއި ހުނަރުވެރި ބަޔަކަށްވުމަށް ގަދައަޅާ މަސައްކަތްކުރުމަށްކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ގައުމަށް ހިދުމަތްކުރެވޭނީ، ކޮން ކަންތައްތަކެއް ދަސްކޮށްގެންކަން ބަލާ ހޯދަންޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ކޮންމެ ކަހަލަ ކާމިޔާބީއެއް ލިބުނަސް އެކަމާއި ބޮޑާނުވެ، އެހެންކުދިންނާއިމެދު އިސްކަންދޭ ކުދި ބަޔަކަށްވުމަށް ގަދައަޅާ މަސައްކަތްކުރަންޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮންމެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްނަމަވެސް، ޤައުމު ކުރިއަރުވާ ޚިދުމަތް ކުރުމުގެ ޒިންމާ އެމީހަކަށް އޮތް ކަމަށާއި އެގޮތުން ޤައުމުގައި ހިނގާ ކަންތައްތައް ހައްލުކުރުމަށް ފައިދާވާނެގޮތަކަށް ވިސްނާ އެކަންކަން ހައްލުކުރުމުގެ ބައިވެރިއަކަށް ވާންޖެހޭކަން ވަނީ ފާހަގަކުރައްވާފައެވެ.

ނައިބު ރައީސް ވިދާޅުވީ އެހެންނޫންނަމަ ކިތަންމެ ގިނަ ވެރިކަމެއް ނިމިގެންދިޔަނަމަވެސް އެފަދަ ނޭދެވޭ ކަންތައްތަކަށް އެކަށީގެންވާ ހައްލެއް ނާންނާނެ ކަމަށާއި ތަޙްޒީބު މުޖުތަމަޢުއެއް ބިނާކުރުމަށް ހުރިހާކަމެއްގައި ވެސް ފަރުދީ ޒިންމާ އަދާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.