ރަށްރަށުގެ ކައުންސިލް ކަމަށް އިންތިހާބުވެފައިވާ އަންހެން ކައުންސިލަރުންނާ މެދު ވަރަށް ނިކަމެތިކޮށް ކަންތައް ކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ އަންހެނުންނަށް ކުރާ ފުރައްސާރައާއި ޖިންސީ ތަފާތު ކުރުންތަކުގެ މައްޗަށް އެކުލަވާލާފައިވާ އިންކުއަރީގެ ރިޕޯޓްގެ ބަހުސްގައި ވާހަކަދައްކަމުންނެވެ. މި ގޮތުން ރޮޒައިނާ ވިދާޅުވީ ކައުންސިލްތަކުގެ ނިސްބަތެއް އަންހެނުންނަށް ޚާއްސަ ކުރި ނަމަވެސް، އަންހެން ކައުންސިލަރުންނާ މެދު ތަފާތު ކުރުންތައް ބައެއް ކައުންސިލްތަކުން ގެންގުޅެމުންދާކަމަށެވެ.
އަންހެން ކައުންސިލަރަކާއި ރޮޒެއިނާއާ ދެކުނު ވާހަކައެއް ހިއްސާކުރައްވަމުން ރޮޒައިނާ ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ރައީސްއަށް މަރުހަބާ ދަންނަވަން ބަނދަރު ސަރަހައްދުގައި ތިބުމުގެ ފުރުސަތު ވެސް އަންހެނުން ކައުންސިލަރުންނަށް ދެއްވާފައި ނުވާކަމަށެވެ. އަދި ވަކި ސަރަހައްދަކުން އާންމުންނަށް ނުވަދެވޭ ގޮތަށް ފުލުހުން ބައުންޑަރީ ޖަހައިގެން ތިބިއިރު، އެ ސަރަހައްދުގެ ތެރެއަށް އަންހެން ކައުންސިލަރުންނަށް ވަނުމުގެ ފުރުސަތުވެސް ދީފައިނުވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އެއީ ކޮން ރަށެއްކަން ރޮޒައިނާ ހާމަކޮށްފައި ނުވާއިރު އިތުރަށް އޭނާ ވިދާޅުވީ އެ ދަތުރުގައި އަންހެން ކައުންސިލަރުންނާއި ހަވާލުކޮށްފައިވަނި ކެއްކުމުގެ މަސައްކަތް ކަމަށެވެ. އަންހެން ކައުންސިލަރުންގެ ހިއްސާއަކީ ކައްކަން ތިބުމެއް ނޫންކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ އަންހެނުންނަށް ކައުންސިލްތަކުގެ ގޮނޑިދިނީ އަދި އަންހެން ކައުންސިލަރުންނަށް ޖާގަ ދިނީ ނަގާ ކޮންމެ ކަމެއްގައި އެ މީހުންގެ ހިއްސާ އޮތުމަށްކަމަށެވެ.