މޭޔަރުންނާއި ކައުންސިލަރުންނަށް ޑިޕްލޮމެޓިކް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީއިން ނިންމައިފިއެވެ.
މިކަމަށް ޢިޝާރާތް ކުރައްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިގޮތަށް މަޝްވަރާކުރެވިފައިވަނީ މިއަދު ބޭއްވި ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑު ބައްދަލުވުމުގައި ކަމަށެވެ.
“ސިޓީ ކައުންސިލްގެ މޭޔަރުންނާއި އަތޮޅު އަދި ރަށު ކައުންސިލްގެ ރައީސާއި މެންބަރުންނަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ނުވަތަ އޮފިޝަލް ޕާސްޕޯޓް ދިނުމާމެދު ގޮތެއް ހޯދުމަށް އިމިގްރޭޝަނާ އެކުގައި މަސައްކަތް ކުރުމަށް މަޝްވަރާ ކުރެވުނު،” ވަޒީރު އާދަމް ޝަރީފް ލިޔުއްވާފައިވެ އެވެ.
އެލްޖީއޭ އިން މިކަމާމެދު މަޝްވަރާ ކުރުމަށް ނިންމީ ކައުންސިލަރުންނަށް އޮފިޝަލް ނުވަތަ ޑިޕްލޮމެޓިކް ޕާސްޕޯޓު ލިބޭނެގޮތެއް އޮތްތޯ ބެލުމަށް ތިނަދޫ ސިޓީކައުންސިލުން އެލްޖީއޭއަށް ހުށަހެޅުމާއި ގުޅިގެންކަމަށް މަޢުލޫމާތު ލިބެއެވެ.
ޑިޕްލޮމެޓިކް ޕާސްޕޯޓް މިހާރު ލިބެނީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ސުޕްރީމް ކޯޓާއި ހައި ކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ އިސް ފަނޑިޔާރުންނާއި ވަޒީރުންނާއި ސްޓޭޓް މިނިސްޓަރުންނަށެވެ. އަދި އެ ފެންވަރުގެ މަގާމުތަކާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިންނާއި އެ ބޭފުޅުންގެ އަނބިން ނުވަތަ ފިރިންނާއި 18 އަހަރުނުވާ ކުދިންނަށެވެ.