English Edition
Dhivehi Edition
އޭއީއެޗް

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިހެއި ތުއްތު ކުއްޖަކު ނިޔާވި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

އިއްޔެ، ނިޔާވި ކުއްޖާގެ އާއިލާ އިން މައްސަލަ ފުލުހުންނަށް ހުށަހެޅުމުން މައްސަލަ ތަހްގީގު ކުރަމުންދާކަމަށް ފުލުހުން ހާމަކޮށްފައިވާއިރު، މި މައްސަލަ އާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެއެވެ.

އައްޑޫ ހޮސްޕިޓަލަށް ވިއްސަން ގެނައި ގދ. ވާދޫގެ މާބަނޑު އަންހެނަކު ވިހެއި ދަރިފުޅުވަނީ ވިހެއުމަށްފަހު ގިނައިރުތަކެއް ނުވަނީސް ނިޔާވެފައެވެ. މިކަމުގައި ހޮސްޕިޓަލުގެ އިހުމާލުއޮތްކަމަށް ޢާއިލާއިން ތުހުމަތު ކުރަނީ ނަރުހުންގެ އަތްމަތިން ކުއްޖާ ވިހެއުމާއި ޑޮކްޓަރެއް އެވަގުތު ނެތުމުގެ އިތުރަށް ކުއްޖާގެ ހަށިގަނޑަށް އެކިވަރުގެ އަނިޔާ ވެފައިވާތީއެވެ.

މިކަމާ ގުޅޭގޮތުން އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އެއީ ޑޮކްޓަރ އައުން ލަސްވެގެން ދިމާވި ޙާދިސާއެއް ނޫން ކަމަށާއި ހޮސްޕިޓަލުގެ ޢާއްމު އުސޫލުން ޑެލިވަރީގައި ކަންކުރަން ޖެހޭ ހުރިހާ ޕްރޮސީޖަރ އެއް މިކަމުގައި ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

މިކަމާއި ގުޅިގެން އިއްޔެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނީ ކުއްޖާ ނިޔާވެފައިވަނީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެ، ދިމާވި މައްސަލަތަކާއި ގުޅިގެން ކަމަށެވެ. އާއިލާއަށް ތައުޒިޔާ ފޮނުވަމުން ހޮސްޕިޓަލުން ބުނީ މިފަދަ ކޮންމެ ހާދިސާއަކާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ރަނގަޅު ކުރަން ޖެހޭ ކަމެއް ވާނަމަ އެކަން ފާހަގަކޮށް ރަނގަޅުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.