ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ތައުހީނުކޮށް ވާހަކަދައްކަމުންދާ މައްސަލައަކާ ގުޅިގެން، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ޓިކްޓޮކްގައި މަޝްހޫރު އަހުމަދު އާމިރު (ބޫގާ) ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ. ފުލުހުން ބުނި ގޮތުގައި އޭނާ ހޯދަނީ މި މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށެވެ.
ހ. ފިލިކުރިގޭ، އުމުރުން 51 އަހަރުގެ އާމިރު އުޅޭ ވަކި ތަނެއް ނޭނގުމުގެ ސަބަބުން، ތަހުގީގަށް ހާޒިރުވުމުގެ ޗިޓު ފުލުހުންނަށް ވަނީ ރައްދުކުރެވޭ ގޮތް ނުވެފައެވެ. އެހެންކަމުން ފުލުހުން އިއުލާނުކުރީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށް އޭނާ ހާޒިރުވުމަށެވެ.
އާމިރުގެ މައްޗަށް ތުހުމަތުކުރެވެނީ ދިވެހިންގެ ދީނީ އެއްބައިވަންތަކަމަށް ބުރޫއަރާ ފަދަ ވާހަކަތައް ދެއްކުމާއި، އިސްލާމިކް މިނިސްޓްރީ ނައްތާލަން ގޮވާލުމެވެ. މީގެ އިތުރުން މުސްލިމް ފިރިހެނުން ހިތާނުކުރަން ނުޖެހޭނެ ކަމަށް ބުނެ ވެސް އޭނާ ވަނީ ޓިކްޓޮކްގައި ވާހަކަދައްކާފައެވެ.
ޓިކްޓޮކްގައި ބުނެފައިވާ ގޮތުން އާމިރު ދިރިއުޅެނީ ރާއްޖެއިން ބޭރު މީހަކާ ކައިވެނިކޮށްގެން އެ ގައުމުގައެވެ. ނަމަވެސް އޭނާ ދޭތެރެއިން ރާއްޖެ އައިސް އުޅެއެވެ. އޭނާ ދަނީ ޓިކްޓޮކް ގުރޫޕުތަކަށް ދިވެހިން ވައްދައި، އިސްލާމް ދީނަށް ފުރައްސާރަކުރާ އެހެން މީހުންނާ ގުޅިގެން ލައިވްކޮށް ގިނަ ވާހަކަތަކެއް ދައްކަމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.