English Edition
Dhivehi Edition
ކުޅުދުއްފުށީގައި ވިޔަފާރިކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން ނުކުތުން
ކުޅުދުއްފުށި ސިޓީގައި ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިނެތްގޮތް ބަލައި، އެ ތަންތަނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އެ ސިޓީގެ ފުލުހުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މިއީ ވައްކަމާއި އެނޫން ވެސް ކުށްތަކުން ވިޔަފާރިތައް ރައްކާތެރިކުރުމަށް އެޅި ފިޔަވަޅެކެވެ.

މި ހިނގާ މަހުގެ ނުވަ ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ފުލުހުން ވަނީ އެ ސިޓީގެ އެކި ފިހާރަތަކަށް ޒިޔާރަތްކޮށްފައެވެ. މި ޒިޔާރަތްތަކުގައި އެ ތަންތަނުގެ ވެރިންނާއި މުވައްޒަފުންނާ ބައްދަލުކޮށް، ވިޔަފާރިތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ވިޔަފާރިވެރިންނަށް ދީފައިވާ މައިގަނޑު އިރުޝާދަކީ ފިހާރަ ބަންދުކުރުމަށްފަހު ދާއިރު ފިހާރަ ތެރޭގައި ފައިސާ ނުބެހެއްޓުމެވެ. އަދި ފައިސާ ގެންގުޅުމުގައި އަބަދުވެސް ސަމާލުވުމަށާއި، ފިހާރަތަކުގައި ހަރުކޮށްފައި ހުންނަ ސީސީޓީވީ ކެމެރާތައް ހުރީ ރަނގަޅަށް މަސައްކަތްކުރާ ހާލަތުގައިތޯ ޔަގީންކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ރޭގަނޑު ފިހާރަ ބަންދުކޮށްފައި ދާއިރު، ފިހާރަ ތެރޭގައި އަލިކަން ބެހެއްޓުމަކީ ވެސް ވައްކަން ހުއްޓުވުމަށް އެޅިދާނެ މުހިންމު ފިޔަވަޅެއް ކަމުގައި ފުލުހުން ފާހަގަކުރިއެވެ. ކުޅުދުއްފުށި ސިޓީ ޕޮލިސް އިން އަންނަނީ ރަށުގެ އަމާންކަން ދެމެހެއްޓުމަށާއި ކުށްމަދު މުޖުތަމައުއެއް ބިނާކުރުމަށް މިފަދަ އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.

ޓެގު