ލޯބިން ދެމީހަކު ދިރިއުޅުމެއް ފަށައި ޒަވަާޖީ ހަޔާތަށް އިތުރު ހިތްހަމަ ޖެހުމަކާއި ފުރިހަމަ ކަމެއް ގެނެސްދެނީ ދަރިއެެެއް ލިބުމުން ކަމަށް ބުނެއެވެ. ދަރިއެއްގެ އިންތިޒާރުގައި ގިނަ ދުވަސްތައް ހޭދަކުރާ ދެމަފިރިންވެސް މަދެއް ނޫނެވެ. ދަރިއެއް ލިބުމުން ހަސްފަތާލަށް ކުރާ ޙަރަދަށްވުރެ ބޮޑު ޙަރަދެއް ސިއްޙީ މައްސަލައެއް ހުންނަނަމަ ދަރިފުޅު ހޯދަން ކުރެއެވެ. އުންމީދާ އެކު ގެއަށް އިތުރު އުފާވެރި ދިރުމެއް ގެންނަންށެވެ. ދަރިފުޅާއެކު އާއިލާއަށް ހިތްހަމަ ޖެހުމާއި އުފާވެރިކަން ލިބި އުފަލުން ރޮވޭތަން ފެނެއެވެ. ދެމަފިރިންގެ މޫނުން ޖަޒްބާތީ އުފާވެރިކަމެކެވެ. އެހެން ނުންތޯއެވެ؟ އެއުފާވެރިކަން ފަނޑުވެގެން ދާނޭ އެދުވަހު ހިތަށްވެސް ނާރާ ކިތަންމެ ދެމަފިރިންނެއް އުޅޭނެއެވެ. ނަމަވެސް ކަންވަނީ ކިހިނެއްތޯއެވެ؟
ހަޔާތަށް ލިބުނު ލޯބި ލޯބި ނޫރާއެކު ހަޔާތް ބަދަލު ކޮށްލައެވެ. ދެމަފިރިންގެ މަސައްކަތް ބުރަވެއެވެ. ދެމަފިރިން އެކުގައި ހޭދަކުރި ވަޤުތު މަދުވެ ދަރިފުޅަށް ދެމީހުންގެ ވަޤުތު ހުސްކުރެއެވެ. ގޭގެ ޙަރަދުތަކާއި އެކު ދަރިފުޅުގެ ޙަރަދުތައް ބަލަހައްޓަން އިތުރަށް މަސައްކަތް ކުރެއެވެ. ފިރިމީހާ ވަޒީފާއަށް ގޮސް ވަޒީފާއަށް ދާން ބޭނުންނުވާ އަނބިންގެ ގެެއަށް ބަލާލަމާ ހިނގާށެވެ. އަނބިން ތިބެނީ ގޭގައެވެ. ފިރިމީހާ އާއި ދަރިފުޅުގެ ހިނދުމަތުގައެވެ. ދަރިން ބެލުމަކީ ފަސޭހަ ކަމެއް ނޫނެވެ. ބުރަ ކަމެކެވެ. ނަމަވެސް ގިނަފަހަރު ވަޒީފާގެ މާޙައުލުން އަންނަ ފިރިމީހާއަށް އެބުރަކަން އިޙްސާސް ނުވެދެއެވެ. ގޭގައި ޙިދުމަތުގައި ހުންނަ އަނބިމީހާއަށް ފިރިމީހާ ގެއަށް އަންނައިރު ކާއެތިކޮޅު ރޯނުފިލުވި ހުރިއްޔާ ފިރިމީހާއަށް އަޅާނުލާ ކަމަށް ބުނަންފަށައެވެ. ގެއަށް އަންނައިރު ނިދިފަ އޮވެއްޖެނަމަ ކަންނެތް ކަމަށް ބުނެއެވެ. އެހެން ގޮސް އަނބިމީހާ ދެކެ ހިތްހަމަނުޖެހި ހިތުގައި ޖެހޭ ބަސްތައް އަނބިމީހާއާއި ދިމާލަށް ބުނާ ފިރިން މަދެއް ނޫނެވެ. ދިފާޢުގައި އަނބިމީހާ އެއްޗެއް ބުނެފިނަމަ އިޙްތިރާމް ފިރިމީހާއަށް އިޙްތިރާމް ނުކުރާ އަންބަކަށް ފިރިމީހާގެ ނަޒަރުގައިވެެއެވެ. ދެން މިވަނީ ކިހިނެއް ހެއްޔެވެ؟ ދެމަފިރިން ދޭތެރޭގައިވާ ގުޅުން ހީނަރުވާން ފަށައެވެ. ގޭގައި ހުންނަ އަނބިމީހާ ކުރާ ބުރަ މަސައްކަތް ނުފެންނަ ވަރަށް ފިރިމީހާ ރުޅިގަދަވެއެވެ. ބޭރުގައި އަދާކުރާ ވަޒީފާ އިޙްސާސް ނުވާވަރަށް އަނބިމީހާ ރުޅިގަދަވެއެވެ. ދެމީހުން އެކަކު އަނެކަކާ ވާހަކަ ދެއްކުން ހުއްޓެއެވެ. ވާހަކަ ދެކެވެނީ ކޮންމެހެން ދެކެވެން ޖެހޭ ވާހަކައެކެެވެ. ދެމީހުންވެސް ރުންކުރު ކަމާއެކުއެވެ.
ދަރިފުޅާއެކު ހަޔާތް ބަދަލުވެ ބުރަވެެއްޖެއެވެ. ޒިންމާތައް ބޮޑުވެއްޖެއެވެ. ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓަން މަސައްކަތް ކުރަން ވަކި ދިރިއުޅުމެއްގައި އުޅޭ ދެމަފިރިންނަމަ ވަޒީފާއަށް ދާވަގުތުތަކުގައި ދަރިފުޅު ބަލާނެ އެހީތެރިއަކު ހޯދައެވެ. އެހީތެރިޔާއަށް މުސާރަދޭން ޖެހުމުގެ ސަބަބުން އިތުރު ގަޑީގައި މަސައްކަތްކޮށް ފައިސާ ހޯދާ އާއިލާތައް މަދެއް ނޫނެވެ. ވަޒީފާގެ މާޙައުލަކީވެސް އަބަދަކު ފަސޭޙަ މާޙައުލެއް ނޫނެވެ. ވަރަށް ބުރަ ދުވަސްތައްވެސް އާދެއެވެ. ބުރަ ދުވަހަކަށް ފަހު ގެއަށް އަންނައިރު ދެމީހުން ތިބެނީ އެކަކު އަނެކަކަށް ވަގުތުދީ ވާހަކަ ދެކެވޭ ވަރަށް ވުރެ ވަރުބަލިވެފައެވެ. ދެމީހުންގެ އަމިއްލަ ވާހަކަތައް ޙިއްސާނުވެ ދެމީހުންވެސް އިސްކަން ދޭނީ ދަރިންނަށެވެ. ދަރިންނާއެކު ހޭދަކޮށްލުމަށްފަހު ފިރިމީހާ ނިދާފާނެއެވެ، ނޫނީ ރައްޓެއްސަކާއެކު ބޭރަށް ގޮސްދާނެއެެވެ. އަނބިމީހާ ނިދާފާނެއެވެ. ނޫނީ ރައްޓެއްސަކާއެކު ބޭރަށް ގޮސްދާނެއެވެ. ދެމީހުންގެ މިސްރާބު ދަނީ ދެދިމާލަށެވެ.
އަދިވެސް ދަރިން ބިކަވާން ޖެހޭ ހިސާބަކަށް ނުދޭ ދޯއެވެ. ނަމަވެސް ލޯބިން ބިނާކުރި ގުޅުމަށް ހީނަރުކަން އައިސްފިއެވެ. އެނގި އެނގިހުރެ އަލިފާނަށް މީހަކު ފުންމާނުލާނެހެން ޕްރެޝަރު މައްޗަށް ގޮސްފައިވާ ފިރިއަކާވެސް، އަންބަކާވެސް ކުރިމަތިލާން ދެމީހުންކުރެ އެކަކުވެސް ބޭނުން ނުވާ ހިސާބަށް ދެއެވެ. އެހިސާބުން އޮފީސް މާޙައުލު މަޖާވެ، ނޫނީ އެކުގައި އުޅޭ ގާތް ރައްޓެހިން މަޖާވެ ގޭގައި ހޭދަ ކުރާވަރަށްވުރެ ގިނައިން ބޭރުގައި އުޅެން ޚިޔާރު ކުރެވެއެވެ. މާނަ ފުންކޮށް ނުބުނެ މީހަކު ތިމާއަށް ޖަހާލާ ސަކަރާތަށް ބުނެލާ ބަހަކަށްވެސް ތިމާގެ ހިތްލެބެން ފަށައެވެ. ބައްޕައަށް ގެއަށް ވަދެ ކިރިޔާ ދަރިފުޅާ ކިޔާ ގޮވާލެވޭ ހިސާބަށް ދެއެވެ. މަންމަ ހުންނަނީ ދަރިފުޅުގެ ބައްޕަ ނުފެނުނަސް ބޮލަށް ފަސޭހަ ކޮއްލެވި ދަރިފުޅާ ސަކަރާތް ޖަހާލެވޭ ވަރަށް ވުރެ ބޮޑަށް އެކަނިވެރިވެފައެވެ. އެހެންކަމުން ރައްޓެހިންނާއި އެކު މަޖާ ކުރުމުގައި ދުވަސް ދުއްވާލައެވެ. ނުވަތަ ތިމާއަށް އިސް ދޭ މީހަކާއި ވާހަކަ ޙިއްސާކުރެއެވެ. އާއެކެވެ! ތިބާއަށް ނޭނގިނަމަވެސް ބިކަ ވަނީ ދަރިންނެވެ. މަންމަ އާއި ބައްޕާއާއިއެކު ލޯބިން އާއިލީ ވަޤުތު ކޮޅެއް ހޭދަކުރަން ބޭނުންވާ ދަރިފުޅަށް ފެންނަނީ ގޭތެރެއިން ނުތަނަވަސް ކަމެވެ. އާއިލާ އެއްކޮށް ކާމޭޒު ކައިރީގައި ކެއި ކެއުން ހުއްޓި ދަރިފުޅަށް ފެންނަނީ ވަރަށް ބުރަ މައިންބަފައިން ތަކެކެވެ. ހަޤީޤަތުގައި ބުރަވަނީ ހަޤީޤީ ދިރިއުޅުމާއި ކުރިމަތި ނުލާ ފިލަން ދުވުމުންނެވެ.
ވިސްނާށެވެ! ތިހަޔާތަށް ދުރުން އަންނަ މީހަކާއި އެކު އުފެދެނީ ޖަޒްބާތީ ގުޅުންތަކެކެވެ. އެމީހަކާއި އެކު ސަކަރާތް ޖަހާ މަޖާކޮށްލެވެނީ ކީއްވެކަން އެނގޭ ހެއްޔެވެ؟ އެމީހަކު ތިމާއާއި ބައްދަލުކޮށް ވަގުތު ދެނީ އެމީހާގެ ހުރިހާ ކަމެއް އެވަގުތު ކޮޅަށް މަޑުޖައްސާލައިފައިވާ ކަމުންނެވެ. ކޮންމެ ކަމަކާއި ދިރިއުޅުމުގައި ކުރިމަތިލިޔަސް އެމީހާ އަންނާނީ ހިނިތުންވުމަކާއި އެކު ތިމާއާއި ކުރިމަތިލާށެވެ. މީހެއްދެކެ ރުޅިއައިސް ހުރިނަމަވެސް ތިމާ ކުރިމަތީ ކުނި މޫނެއް ނުދައްކާނެއެވެ. ފެންނަނީ ހާދަ އޯގާތެރި، އިޙްސާސްތައް ދަންނަ މީހެކޭ ތިބާއަށް ހީވާނެއެވެ. ނޭނގިނަމަވެސް އެހުސްކުރާ ވަގުތާއި އެމަޖަލަށް ދެމަފިރިންގެ ހިތް އެވަގުތުދޭ ދިމާލަކަށް ލެބޭއިރު އެއީ ތިބާގެ ބައިވެރިޔާ އާއި އެކު ގުޅުން ފެށުނުއިރުވެސް ކަންތަައް ވީގޮތްކަން ހަނދާން އެބަހުރި ހެއްޔެވެ. އާއެކެވެެ! ދެމީހުން ދިމާވަނީ ދެމީހުންނަށް ވަޤުތު ހުސްކޮށްގެންނެވެ. މިއަދު އެކަން ނުކުރަނީ ކީއްވެހެއްޔެވެ؟ ކައިވެނީގެ ގުޅުން ހީނަރުވެ އެހެން ދިމާލަކުން ހިތްހަމަ ޖެހުން ހޯދައި ދެން ތިމާ ގެއަށް ވައްދާ އެމީހާ އާ އެކު ޒަވާޖީ ހަޔާތެއް ފެށިނަމަވެސް ދުވަސްތައް ބުރަވެ، ތިމާ އެދެވޭ ގޮތަށް ކަންތައްތައް ނުދާނެކަން ދަންނާށެވެ! ވާނީއެއް ކަމެކެވެ. ބުރަދުވަހާއި، ރުޅިގަދަ ދުވަހާއި، ރުންކުރު ދުވަސްތައް އަންނާނެއެވެ.
ދިރިއުޅުމެއް ކުރިއަށް ދާނީ އެކަކު އަނެކަކަށް އިޙްތިރާމްކޮށް، އިޙްސާސް ތަކަށް ގަދަރު ކުރެވި، ވާހަކަތައް ހިޢްސާކޮށްގެން އެއް މިޞްރާބަކަށް ދަތުރުކޮށްގެންނެވެ. ކޮންމެ ހާލެއްގައިވެސް އެކުގައި ވާނެ ކަމުގެ ޔާޤީންކަމާއިއެކު ދެމީހުން އެކަކު އަނެކަކަށްވެސް ވަގުތު ހުސްކޮށްގެންނެވެ. އެކަކު އަނެކަކަށް ކޮށްދީފައި ހުރި ރަނގަޅު ކަންތައް ބަލައިގަނެ ތަޢުރީފް ކޮށްގެންނެވެ. ހިތްހަމަ ނުޖެހުމުން ރުޅިވެސް އަންނާނެއެވެ. ހިތުގައި ޖެހޭ ބަސްތައްވެސް ބުނެވޭނެއެވެ. މާފަށް އެދެން ދަސްކުރާށެވެ! މާފު ކުރާށެވެ! ނުރަނގަޅު ސިފަތައް އިސްލާޙު ކުރާށެވެ. ވަގުތީ އުފަލަށްޓަކައި ތިބާ އުންމީދާއެކު ބިނާކުރި ގެއަށް ތިންވަނަ މީހެއްގެ ހިޔަނި އެޅުނަ ނުދޭށެވެ. ބައިވެރިޔާ ދެނެގަނެ އެކުގައި ވާށެވެ. ދަރިން ބިކަކޮށް އެއްފުޅަން މަތިން އަނެއް ފުޅަން މައްޗަށް އުފާ ހޯދަން ފުންމަމުންދާ ބަކަރިއަކަށް ތިބާ ނުވާށެވެ. ދަރިންނަކީ ތިބާއަށް ލިބިފައިވާ އަމާނާތެކެވެ. ތިންވަނަ މީހެއްގެ ހިޔަންޏާއެކު ދަރިން ބިކަ ކޮށް ނުލާށެެވެ!