English Edition
Dhivehi Edition

ދިރިއުޅުމުގައި އެންމެ ބޮޑު ކާމިޔާބީ އަކީ އަދި އުފަލަކީ އެ ދިރިއުޅުމަކުން ލިބޭ ހިތް ހަމަޖެހުމެވެ. އެކި މީހުން މި ހިތް ހަމަޖެހުން ތަފާތު އެކި ގޮތް ގޮތަށް މާނަ ކުރެއެވެ. ގިނަ ދަރިންލިބުމެވެ. ފައިސާ އާއި ތަނަވަސް ކަމުގައި އުޅެވޭ އަރާމު ދިރިއުޅުމެއް ލިބުމެވެ. ރީތި ބައިވެރިއެއް ނުވަތަ ހިތްހެޔޮ އެކުވެރި ބައިވެރިއެއް ލިބުމެވެ. ނޫންނަމަ މުޖުތަމައުގައި ނުފޫޒު ގަދަ މަގާމު ލިބުމެވެ. މިއީ ހައްތަހާވެސް މީހުން އެމީހުންގެ ދިރިއުޅުން އުފާވެރި ކަމަށް ސިފަކުރާ ތަފާތު ގޮތްގޮތެވެ.

ގިނަ ފިރިހެނުންނަށް ދިރިއުޅުމުގައި އެންމެ މުހިއްމު އެއްޗަކީ ފައިސާ އާއި ތަނަވަސްކަން ކަމަށް ގަބޫލު ކުރެވުނަސް ގިނަ އަންހެނުން މި ވާހަކަ ތަކާއި ޚިޔާލު ތަފާތެވެ. މި ހުރިހާ އުފަލަކާއެކުވެސް އެންމެ ހިތްހަމަ ޖެހޭ ސަބަބެއް ކަމަށް ގިނަ އަންހެނުން ބުނަނީ ދީލަތި ކަމާއެކު ތައުރީފު ކުރާ ފިރިއެއް ހަޔާތަށް ލިބުން ކަމަށެވެ. ކުރާ ކަންކަން އުފަލާއެކު ބަލައިގަންނަ އަގުވަޒަން ކުރާ ފިރިއެއް ލިބުމަށް ވުރެ ދިރިއުޅުން އުފާވާނެ އިތުރު ސަބަބެއް ނެތް ކަމަށް ގިނަ އަންހެނުން ބުނެއެވެ. އެންމެ އާދައިގެ ކަންތައްތަކުން ފެށިގެން އެންމެ ބޮޑެތި ކަންތައްތަކަށް ވެސް މެއެވެ.

މިކަމާ ގުޅޭ ގޮތުން މީހުންނާ އިނދެގެން ތިބި ގިނަ ބަޔަކާ ސުވާލުކޮށް އެމީހުންގެ ވާހަކަ އަޑުއަހާލީމެވެ. މި ވާޙަކަ ތަކުން ގިނަ އަނބިންގެ ޝަކުވާ އަކީ އެއް ޝަކުވާއެކެވެ. ފިރިން ތައުރީފް ނުކުރާ ވާހަކައެވެ. ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ކަމުގައި ވިޔަސް ފިރިމީހާއަށް ފެންނާނީ ނުކުރެވި ހުރި ކަންތައްތައް ކަމާއި ޝަކުވާ ކުރާނީ އެކަންކަން ނުކުރެވިގެން ކަމެވެ.

“ފިރިމީހާ ވަޒީފާގެ ޑިއުޓީ އޮންނަ ގޮތުން ގިނައިން އުޅޭނީ ރަށުން ބޭރުގައި. ގެއަށް އަންނަ ފަހަރު އަބަދުވެސް ގެއާއި ގޯތި ވަރަށް ރީތިކޮށް ސާފުކޮށް ހަދަން، އެކަމަކު ގެއަށް އައިސް އެކަމެއް ފާހަގަ އެއް ނުކުރާނެ. ފެންނާނީ ހަނދާން ނެތިގެން ދޫކޮށްލެވިފައި ހުންނަ ކުޑަކުޑަ ކަންކަން. އެހެންވެ ވަރަށް ފޫހިވޭ.” ގިނަ ދުވަސް ވަން ދެން އެކުގައި އުޅެމުން އަންނަ އާއިލާ އެއްގެ އަންހެނަކު ކިޔައިދިނެވެ.

ގިނަ އަންހެނުން ބުނީ ފިރިމީހާ އަށް ދައްކަން ވެގެން ރީތި ހެދުމެއް އަޅައިގެން އައިސް ކުރިމަތީގައި އެނބުރުނަސް ގިނަ ފަހަރު އަޅާވެސް ނުލާނެ ކަމަށެވެ.

“ހެދުން ރީތިހޭ އަހައިފިއްޔާ ބުނާނެ ކަސްރަތު ކުރަން ފަށަންވީ ނޫންހޭ. މާނައަކީ އަހަރެން ފަލައޭ. ތިހެދުމާ ނުގުޅެއޭ. ހާދަ ރުޅިއެއް އާދެއޭ. އެކަމަކު އެމީހުން ރީތި ހެދުމެއް އަޅައިގެން ހުންނަތަން ފެނިއްޖެއްޔާ އަހަރެމެން ތައުރީފު ނުކޮށްގެން އެވާހަކަ ދައްކާނެ” އެހެން އަންހެނަކު ކިޔައިދިނެވެ.

ގިނަ އަންހެނުން ބުނާ ގޮތުގައި ފިރިންނަށް ދޭން ވެގެން ކިތަންމެ މީރުކޮށް ކެއްކި ނަމަވެސް ކައިނިމިގެން މުޅި ސުފުރާ ދޮވެލާފައި ތެދުވާ އިރުވެސް ކެއްކި ކާތަކެއްޗަށް ތައުރީފުގެ އެންމެ ލަފުޒެއްވެސް ބުނެނުލައެވެ. ގިނަ ފަހަރަށް އެކަމަށް އެދިގެން ހުންނަ އަނބިމީހާ އަށް ކެތް ނުކުރެވިގެން އަހާލައިފިއްޔާ ދެން އޯކޭ ކަމަށް ބުނެލާކަމަށް ގިނަ އަނބިން ބުނެއެވެ.

ގިނަ އަނބިން ބުނާ ގޮތުގައި އެމީހުން އެންމެ އުފާވަނީ އަދި ގަޔާވަނީ ކުދި ކުދި ކަންތައް ތަކަށް ތައުރީފުކޮށް އަގުވަޒަން ކުރާ ފިރިން ދެކެއެވެ. ލޯބިވެގެން އުޅުނު އިރު އަޅާލި ގޮތަށް ދިރިއުޅުމުގެ ހުރިހާ ހަރުފަތެއްގައި ވެސް އެކަން އެހެން ދަމަހައްޓާ ފިރިން ދެކެއެވެ.

“މިހާރު ފޫހިވެއްޖެ އެކަމާ ޝަކުވާ ކޮށްކޮށް. އެހެންވެ އަޅާނުލަން. ގިނަ ފިރިންނަށް ހީވެފަ އޮންނަނީ އަނބިމީހާ އަކީ މުސާރަ ނުދީ ގޭގައި ގެންގުޅޭ މަސައްކަތު މީހާ ކަމަށް” ދިރިއުޅުން މަތިން ފޫހިވެފައި ހުރި އަންހެނަކު ކިޔައިދިނެވެ.

ބައެއް މީހުން ލޯބިން ކައިވެނިކޮށް އުޅޭއިރު ލޯބިވާ ވާހަކަ ބުނަން ޖެހިލުން ނުވެއެވެ. ދެއިރު ދެދަޅައަށް ލޯބީގެ މެސެޖް ކުރެއެވެ. ހަދިޔާ ދީ ބައިވެރިޔާގެ ހިތް އަތުލައެވެ. ޑޭޓް ތަކަށް ބައިވެރިޔާ އާއި އެކީ ދާން ވަގުތު ލިބެއެވެ. އެހެނަސް ކައިވެނި ކުރާ ހިސާބުން ދެން އެކަންތައް ނިމުނީ އެވެ. ހީވާ ކަހަލައެވެ. ދެން ކީއްކުރަން ކުރާ ބޭކާރު ކަމެއް ހެއްޔެވެ. މިހާރު މިއޮތީ އެކަން ނިމި ސީރިއަސް ދިރިއުޅުމެއް ފެށިފައެވެ. އެހެނަސް އެހެން ހިތަށް އަރާ މީހުންނަށް ނޭނގޭ ހަގީގަތަކީ އިންސާނާގެ ހިތް އަބަދުވެސް އުފަލަށް އެދޭނެ ކަމެވެ. ބައިވެރިޔާ އާއި އެކު ހިތްހަމަޖެހިގެން ލޯބިން އުޅެން ބޭނުންވާނެ ކަމެވެ. އެ ލޯބި މަރުނުވެ އަބަދަށް ދަމަހައްޓަން ބޭނުންވާނެ ކަމެވެ. ހިތުގައި ލޯބީގެ ވިންދު ނުޖަހާ އެންމެ ވަގުތުކޮޅެއް ވެސް ނުދާނެ ކަމެވެ.

ތިމާގެ ފަރުވާ ކުޑަކަމުން، ފޫހިވެފައިވާ ބައިވެރިޔާއަށް އެހެން މީހަކު ފާރަވެ އެ ވިންދު އާ ކުރުވަން މަސައްކަތް ކުރުމުގެ ކުރިން ތިމާގެ ބައިވެރިޔާ އަކީ އަބަދުވެސް ތިމާގެ މީހެއްގެ ގޮތުގައި ހުރެވޭނީ އެކަން އެގޮތަށް ކުރަން އެނގިގެންނެވެ. އަދިވެސް ވަގުތު ފާއިތެއް ނުވެއެވެ. ތިމާގެ ބައިވެރިޔާ އަކީ ތިމާގެ ޙަޔާތަށް ކިހާ މުހިއްމު މީހެއް ކަން ބުނެލާފައި މެސެޖެއް ފޮނުވާލަ ބަލާށެވެ. ނުވަތަ ގެއަށް އަންނައިރު ކުޑަކުޑަ ހަދިޔާއެއް ގަނެލައިގެން އައިސް ލޯބިވާ ވާހަކަ ބުނެލާފައި އެ ހަދިޔާ އަނބިމީހާއަށް ދީބަލާށެވެ. ކުޑަކުޑަ ތައުރީފަކުން ދިރިއުޅުމަށް ބޮޑު ބަދަލެއް އައުން ވެސް އެކަށީގެން ވެއެވެ.!

 

1 ކޮމެންޓް
Foxtin-20
ނޮވެމްބަރު 20, 2021
Howdy! This article couldn't be written much better! Looking at this post reminds me of my previous roommate! He constantly kept preaching about this. I most certainly will send this article to him. Pretty sure he'll have a good read. I appreciate you for sharing!