އެންމެ ފުރިހަމައީ ކޮންދިރި އުޅުމެއް ހެއްޔެވެ؟ މި ދުނިޔޭގައި ދެ ލޯބިވެރިން ނޫނީ ދެމަފިރިންގެ ދެމެދުގައި މައްސަލަތައް ނުޖެހެނީ ކޮންބައެއްގެ ދިރިއުޅުމެއްގައި ހެއްޔެވެ؟ ކޮންމެ ދެމީހަކުވެސް ހަޔާތެއް ފަށާނީ އުފާވެރި ދިރިއުޅުމެއް އެކުގައި ހޭދަކުރާށެވެ. ނަމަވެސް ދެމީހެއްގެ މިޒާޖު އެއްގޮތް ވުމަކީ ވަރަށްމަދުން ނޫނީ ނުވާ ކަމަކަށްވާއިރު ގިނަމީހުންގެ ދިރިއުޅުމުގައި ކޫސަނި މައްސަލަތައް ގިނަވެއެވެ.
ދެމީހަކު ދުރުގައި ތިބޭއިރު އެކަކު އަނެކަކުގެ ހާލު ބެލުމަށް ނޫނީ ވާހަކަ ދެއްކުމަށް ގުޅާހެދުމުގެ އިތުރުން މެސެޖުން ގުޅުން ބަދަހި ކުރެއެވެ. ބައެއް މީހުން ބުނާގޮތުގައި އެމީހުންގެ ބައިވެރިޔާ އިސްވެ މެސެޖް ކުރުމަކީ އެއްގޮތަކަށް ވެސް ނުކުރާކަމެކެވެ. މި ފަދަ ބައިވެރިން އެއްކޮޅުން މެސެޖް ކުރީމަ އެމެސެޖަށް ޖަވާބުދާރީ ވެއެވެ. އެހެން ނަމަވެސް މިކަންތައް ބައެއްފަހަރު އަނެއް މީހާއަށް މާކަމުދާ ކަމަކަށް ނުވެދެއެވެ. ވާނީވެސް އެހެންތާއެވެ. ދެމީހެއްގެ ގުޅުމަކީ ކޮންމެހެން އެކަކު މަސައްކަތް ކޮށްގެން ދަމަހައްޓަން ޖެހޭ އެއްޗެއްނޫނެވެ.
ދިރާސާކުރާ ބައެއް ފަރާތްތަކުން ބުނާގޮތުގައި ބައިވެރިޔާ އިސްވެ މެސެޖް ނުކުރަނީ ލަދުގަންނާތީއެވެ. މެސެޖްނުކޮށް ގިނައިރު ވުމުން އަނެކާގެ ހިތަށް އަރާފާނެ އެއްޗެއް ނޭންގޭތީ އާއި ދައްކާނެ ވަކި ހާއްސަ ވާހަކައެއް ނެތުމުން ލަދުން މެސެޖްނުކުރަނީއެވެ.
ބައެއް ބައިވެރިންނަކީ “އީގޯ” މައްސަލަތައް ހުންނަ ބައިވެރިންނެވެ. މި ފަދަ ބައިވެރިން އޭނަގެ ލޯބިވެރިޔާ ދަށުވެ އުޅެން ބޭނުން ނުވާތީ ނޫނީ ލޯބިވެރިޔާ އަށްވުރެ ކުރިން އޭނައަށް މެސެޖްކޮށް އުޅޭ މީހަކަށް ވާން ބޭނުން ނުވާނެއެވެ.
ބައެއްމީހުން އެމީހުންގެ ބައިވެރިޔާ އާ ވާހަކަ ދެއްކުމުގެ މާބޮޑު ޝައުގެއް ނުހުރެއެވެ. އެފަދަމީހުން ތިބާގެ މެސެޖްތަކަށް ޖަވާބު ނުދިނުމާއި ނޫނީ މެސެޖަކުން ކުރުޖަވާބެއް ދީފާނެއެވެ. މިފަދަ ބައިވެރިންނާއި ދައްކަން އެންމެ ރަނގަޅުވާނީ ދެމީހުން އިންޓްރެސްޓް ހުންނަ ކަހަލަ ކަންކަމުގެ ވާހަކައެވެ.
ބައެއްމީހުންނަކީ މެސެޖް ކުރުމަށް އެހާ ގަޔާވާ ބައެއްނޫނެވެ. އެފަދަ މީހުން ބޭނުންވަނީ ގުޅައިގެން ވާހަކަ ދެއްކުމަށާއި ނޫނީ ދިމާވެގެން ވާހަކަ ދެއްކުމަށެވެ. މިފަދަ މީހުން ބައިވެރިޔާ އަށް މެސެޖްކުރުމުގައި އެއްގޮތަކަށްވެސް ވަގުތު ހޭދަ ނުކުރާނެއެވެ. ކައިރީގައި ހުރެގެން ވާހަކަ ދައްކަން ބޭނުންވާ ބައިވެރިންނާ ވާހަކަ ދެއްކުމުގައި ސަމާލުވެ ހުރުން ބުއްދިވެރިއެވެ.
ދެމީހެއްގެ ގުޅުން ވަރުގަދަ ކުރުމަށް އެކަކު އަނެކަކާ ދުރުގައި އުޅޭވަގުތު ފޯނުން ގުޅުމާއި ގުޅޭނެ ހާލަތެއްގައި ނެތްނަމަ މެސެޖަކުން ކޮންމެވެސް ވާހަކައެއް ބުނެލުމުން ބައިވެރިޔާ ތިބާދެކެ ވާ ލޯތްބާއި އަޅާލުން ހާމަވެގެން ދާނެކަންޔަގީނެވެ. ކިތަންމެ ކުރާހިތްނުވި ނަމަވެސް ބައިވެރިޔާގެ ކަންކަމުގައި ފަރުވާތެރިވުމަކީ ދެމީހެއްގެ ގުޅުން ބާއްޖަވެރިވެގެންދާނެ ކަމެކެވެ.