English Edition
Dhivehi Edition

އިރުއޮއްސޭގަޑިއަށް އަތިރިމައްޗަށް ނުކުތީމެވެ. ފިރިމީހާއާއި އެކު އަތިރިމަތީ ހިނގައިލުމަށެވެ. އިރުއޮއްސޭ ގަޑީގައި ދެމަފިރިން އެކުގައި އަތިރިމަތީ ހިނގައިލުމަކީ އެހާ ގިނައިން ލިބޭ ފުރުސަތެއްނޫނެވެ. ނަމަވެސް މަދުންނަމަވެސް މިފުރުސަތު ލިބެއެވެ.

މޫދަކީ އެތަނެއްގައި އަޖާއިބު އަންތަރީސްވާހާ ގިނަގުނަ ކަންތައްތަކެއް ލައްވާފައިވާ ތަނެކެވެ.ފާއިތުމިވީ އެއްހަފުތާއަށް ނަޒަރު ހިންގައިލާނަމެވެ. މަދު ދުވަހެއް ފިޔަވައި، ކޮންމެ ދުވަހެއްގެ އިރުއަރަނީ އަތިރިމަތީގައި ހުއްޓައެވެ. 14 ދުވަހު ހުންނަންޖެހިފައިމިވީ ގޮނޑުދޮށާއި ދާދި ކައިރީގައި ކަމުން، އަތިރިމައްޗަކީ ކޮންމެ ދުވަހަކުވެސް އެންމެ ގިނަ ވަގުތު ހޭދަކުރާ އެއް ތަނެވެ. ހެނދުނު ގަޑީގައި އެފެންނަ ހިތްގައިމު މަންޒަރުތަކެވެ.

ދޫނިތައް ގަސްގަހުން އުދުހި އެސޮރުމެންގެ ކާނާ ހޯދަން ކަނޑަށް ނިކުންނަ މަންޒަރެވެ. މާބުރާއި، ކުޅަދުރު އެއްމަލުން އަނެއްމަލަށް ތިރި ކުރަމުން އެއުޅޭ ހިއްގައިމު މަންޒަރެވެ. ވާތަކާއި، ކާޅުތައް ބޮޑެތި ގަސްތަކުގެ ތެރެއިން ނިކުމެގެން އުދުހިގަންނަ ތަނެވެ.

ކުދިމަސްތައް އައިން އައިނަށް އައިސް މުޅި ގޮނޑުދޮށް ފުރާލައިވާ ހިއްގައިމު ކަމެވެ. ދަނޑިފުޅު ދޫނިތައް އައިސް އެމަސްތަކާއި ސަމާސަކޮށްލާ ގޮތެވެ. ރީތި ފަރި ރާގެއްގައި، އެހެނަސް ސިއްރުން ސިއްރުން އެއަންނަ ނަރުނަގޫ މަޑި ކުދިމަސްތަކުގެ ތެރެއިން ދާ ފަރިގޮތެވެ. ޒޫންލާފައި އަންނަ ތޮޅި މަސްގަނޑުތެރެއަށް ފުންމައިގަންނަ ހުށިޔާރު ކަމެވެ. މާދުރުން ބޮނދަމުން އަންނަ ބޮޑު މިޔަރު އެކުދި މަސްއައިނަށް ހަމަލާދޭ މަންޒަރެވެ. އެއާއި އެކު މަސްތައް ބިރުން ފުމެގަންނަ ގޮތެވެ. ކުލަކުލައިގެ ރީތި ހަނދިތައް ކުދިމަސްތައް ޝިކާރަ ކުރަން އެއުޅޭ ހުނަރުވެރިކަމެވެ. ފަރިކަމާއި ނަޔާކަމުގެ ލާމަސީލު، ކޯމަސްތައް ފަރިދައްކަމުން، ކުޅެމުން، ފުމެމުން ގޮސް ނަޒަރުން ގެއްލޭހިނދެވެ. މަޑު ރާގެއްގައި އަޑިން އަރާ ވެލާ ނޭވާލާން އޮންނަ ހިއްގައިމު މަންޒަރެވެ. އަހަރެންވާ އަންތަރީސް ވެއްޖެއެވެ. ގުދުރަތުގެ ފުރިހަމަ ކަމާއެވެ. ﷲގެ ކުޅަދުންވަންތަ ކަމާއެވެ.

އެއްރަށުން އަނެއް ރަށަށް މީހުން ގޮވައިގެން އުދުހެމުންދާ ކަނޑުގައި ޖައްސާ ބޯޓުތަކެވެ. އެކި ބޭނުން ތަކަށް މުދަލާއި މީހުން ގޮވައިގެން ދުއްވާ ދޯނިތަކާއި ލޯންޗުތަކެވެ. ފަރުތަކުގެ ރީތި މަންޒަރު ދެކިލަން ފަތާފައި މީހުން އެއުޅޭ މަންޒަރެވެ. މީހުންގެ ހޭލަމޭލަވުމެވެ.

ފާއިތުވެދިޔަ އެއްހަފުތާގެ ތަޖުރިބާތަކެވެ. ލޮލަށް ފެނުނު މަންޒަރުތަކެވެ. ހިތަށް އެލިބުނު އުފާވެރިކަމެކެވެ.

މެންދުރުވެ ދޮންކޮށްލުމުން، ހޫނުކަން އިންތިހާއަށް އިހުސާސް ވިޔަސް ގުދުރަތީ މިހިތްގައިމު ކަމާއި ދުރަށް ދެވޭނެ ހެއްޔެވެ؟. މަންޒަރަކަށްފަހު މަންޒަރެއް، ކަމަކަށް ފަހު ކަމެއް ލޯމަތިން ސިފަވެއެވެ. މުށުން ފޯނު ދޫކޮށްނުލެވެއެވެ. ހުރިހާ ހަރަކާތަކާއި، މަންޒަރެއް ފޯނުގައި ރައްކާކުރަން ބޭނުންވެއެވެ.

ކަނޑުއަޑީގެ ޚަޒާނާގެ މުއްސަނދިކަމާއި، ފުރިހަމަ ކަމުގެ ވާހަކަ އެއީ ދައްކައި ކޮޅުންލާނޭ ވާހަކައެއް ނޫނެވެ. ހަމަލޮލުން މިމަންޒަރު ފެނުމަކީ ނަސީބެކެވެ. އެހެނަސް ގިނަ ދިވެހީންނަށްވެސް މިމަންޒަރު ފެންނަނީ ވީޑިއޯތަކުންނެވެ. ކަނޑުގެ ރޯއްޖަކީ ދިވެހީންގެ ނަސީބެވެ. ދިވެހީންނީ ކަނޑުގެ ދަރިންނެވެ.

ހަވީރު ފިންޏަށް އަތިރިމައްޗަށް ނިކުމެލަމެވެ. އަތިރިމަތީގެ ހިލަން ކުޑަވުމުން، މުޅި ހިސާބުގަނޑުގައި އޮންނަނީ ކިރު ކަކުނީގެ ވެރިކަމެކެވެ. ކިރުކަކުނީގެ އުޅުން އެންމެ ރަގަޅަށް ފެންނާނީ ދޮންވެލިގަނޑުގައި، އެތަކެތި ކުރަހާފައި، ހުންނަ ރީތި މަންޒަރު ތަކުންނެވެ. އެކިގޮތްގޮތަށް އެތަކެތި ދުވެފައި ހުންނަ މަންޒަރު ފެނުމުން އާޝޯޚު ކުރުވާހާ އެކުރެހުންތައް ރީއްޗެވެ. ބަރަވެލިތަކެވެ. އަތިރިމަތީގައި ހުރިއްޔާ ހުރިހާ ރީތި ބޮލިތަކަށް އެރިގަނެގެން އެއުޅޭ ބަރަވެލިތަކެވެ. މިތަކެތީގެ އަބުއި ކަމާއި، ލަދުރަކިކަމެވެ. މީހެއްގެ ހިލަމެއް ވާއިރަށް ބޮލީގެ ތެރެއަށް އޭތި ދެމިގަންނަގޮތެވެ. އެއަށްފަހު ހަމަ ގުޑައިވެސް ނުލައި އޮވެއެވެ. ބޮލިހޮވަމުން ހޮވަމުންގޮސް ބޮއްޔެއްކަމަށް މިއިން އެއްޗެއް ނަގައި ޖީބަށް ލެވުނުދުވަހުގެ ހަނދާން ވިއެވެ. ހިނިވެސް އައެވެ. ގިނިދުށްމީހާ ރަތް މަލަށް ބިރުގަތް ފަދައިން އޭގެ ފަހުން ބޮލިހޮވަން ބިރުގަނެއްޖެއެވެ.

އިރުއޮއްސޭގަޑީގެ ހިނގާލުމުގައި ލޮލުގައި އެންމެ އަޅައިގަންނަ އެއް ކަމަކަށްވީ އަތިރިމަތިން ފެންނަ އެކި ވަރުގެ ކަކުނި ހޮރު ތަކެވެ. ބައެއް ހޮރުތައް ވަރަށް ބޮޑެވެ. އަނެއްބައި ހޮރުތައް ކުއްޖެވެ. އެކި ވަރު ވަރުގެ، ވަރަށް ގިނަ ހޮރުތައް ފެނެއެވެ. މިކަމާއި ވަރަށް ޝައުގުވެރިވިއެވެ. ކުއްލިއަކަށް ފެނުނީ ވަރަށް ބޮޑު ބޮޑު ކަކުނި ހޮރެކެވެ. އެހޮރުގެ ބޮޑުކަމުން އެއަށް އާދައިގެ މީހެއްގެ އަތް އެއްކޮށް ކޮށްޕައި ލެވޭނެއެވެ.

އަހަރެން: ހާދަބޮޑު ހޮރެއް މިހިރީ!

ފިރިމީހާ: އާނ! އެކަކުންޏެއް ހޮރު ކޮންނާނީ އެކަކުންޏެއްގެ ވަރުންތާ! ތި ވާނީ ވަރަށް ބޮޑު ކަކުންޏެއްގެ ހޮރު ކަމަށް. ކަކުނި ހޮރަކީ ވަރަށް އިބުރަތުން ފުރިގެންވާ ތަނެކޭ އެނގޭތަ؟ “ޔޫ ހޭވް ރީޑު އެބައުޓު އިޓު، އިޓުވިލް ގިވުސް ޔޫ ސޯމެނީ އައިޑިއާސް ރިލޭޓެޑް ޓު ޔުއާރ އެވްރިޑޭ ލައިފު”.

ދެން އެފެށުނީ ބޮޑުރަސްގެފާނު ވާހަކައެވެ. އިސްވެ ބަޔާންކޮށްފައި އެވާ ހުރިހާ ކަމަކާއި، ކަކުނި ހޮރާއި ގުޅުވައި ކިޔައި ދިނެވެ. މަސްތައް އައިނުއައިނަށް އެއުޅޭގޮތާއި ކަކުނި ހޮރާއި ގުޅުވިއެވެ. ބޯކޮށް ހެދިފައި ހުންނަ ގަސްގަހުގައި ދޫނި ނިދަން ޖައްސާ ގޮތާއި ކަކުނި ހޮރާއި ގުޅުވިއެވެ. ހުރިހާ އެއްޗަކާއި އެހޮރާއި ގުޅުވިއެވެ. ކަކުނި ހޮރުގެ ހަގީގަތް ހާމަކޮށްދިނެވެ. އެއާއި އިންސާނުނާއި ހުރި ގުޅުންވެސް ކިޔައިދިނެވެ. އެތަކެއް ސުވާލުތައްވެސް އުފެދުނެވެ. އަދި ޖަވާބުވެސް ލިބުނެވެ.

ކަކުނި ހޮރު ކޮންނަނީ ، މޫސުމީ ގޮތުން އެ މަޚުލޫގަށް ބޭނުން ޖެހޭ ހާލަތުގައި، އޭތި ކާނާ ރައްކާކޮށް، އެހެން ދިރޭތަކެތިން ރައްކާތެރިކަން ހޯދާށެވެ. ހޮރުގެ ފުންމިނާއި، ބޮޑުމިން ބިނާވެގެންވަނީ މިކަންކަމުގެ މައްޗަށެވެ. އެހެންކަމުން އޭތި ހޮރު ކޮންނަނީ އޭތީގެ ފެންވަރުންނެވެ. މާނައަކީ، އެކަކުނީގެ ކުޑަ ބޮޑުމިން އަދި ރައްކާތެރިކަމާއި ހިމާޔަތް ލިބޭނޭހެންނެވެ. ހޮރުގެ އަޑީގައި އޮންނަ ކަކުންޏަށް އެހެން އެއްޗަކަށް ފަސޭހައިން ގޯނާކޮށް ނުލެވޭނެ ގޮތަކަށެވެ. ބޮޑު ކަކުނި ބޮޑު ކޮންނެވެ. ކުޑަ ކަކުނި ކުދިކޮންނެވެ.

ކަކުނި އެކަކުންޏެއްގެ ފެންވަރުން ހޮރުކޮނުނަސް އަހަރެމެން އިންސާނުން، އެމީހެއްގެ ފެންވަރުން ދިރިއުޅެން ބޭނުންވޭ ހެއްޔެވެ؟. މީހަކު ކަމެއް ކުރީތީ ކުރުމާއި، އެއްޗެއް ހޯދީތީ ހޯދާ މީހުން ނޫޅޭތޯއެވެ؟. އެހެން މީހަކަށް ކަމެއް ކުރެވެންޏާ އަހަންނަށްވެސް އެކަމެއް ވާނެޔޭ ގަބޫލުކުރާ މީހުން މަދުތޯއެވެ؟. ތިމާގެ ފެންވަރަކީ ތިމާ ލަދުގަންނަން ޖެހޭ ކަމެއް ނޫންކަން ގަބޫލުކުރަނީ ކިތައްމީހުންތޯއެ؟. މީހާ، މީހަކަށް ހަދަނީ މީހާގެ ހުރި ކެރިފޯރުންތެރިކަން ނޫންކަން ގަބޫލުކުރެވޭތޯއެވެ؟. އަދި އެއީ މީހާގެ އަޚުލާގާއި، އިންސާނިއްޔަތުކަން ކަމަށް އެއްބަސް ވެވޭތޯއެވެ؟. ތިމާގެ ދިރިއުޅުން އަނެކާގެ ސޯޝަލް މިޑިއާއާއި އަޅައި ކިޔެނީ ކިތަށް މީހުނަށްތޯއެވެ؟. ފޮޓޯއަށް މީހުން ދައްކައިފައި ހުންނަން ހުރިހާ މަންޒަރަކީ އަސްލު ނޫންކަމާއި، އެއީ ކޮށައި މަށައިފައިވާ މަންޒަރެއްކަން ގަބޫލުކުރުމުގެ ގާބިލުކަން ހުރީ ކިތަށް މީހުންގެ ހެއްޔެވެ؟. މިކަންކަން ތިމާ، ތިމާގެ ގޮތުގައި އަމިއްލައަށް ގަބޫލު ކުރެވި، އަމިއްލަ ނަފުސަށް އިހުތިރާމް ނުކުރެވޭ ހާހިނދަކު ތިމާޔަށް ގަދަރުކުރާނޭ މީހުން ނުތިބޭނެއެވެ. އަދި ތިމާޔަށް އެހެން މީހަކަށް އެގަދަރެއް ނުވެސް ދެވޭނެއެވެ. ކަކުނިވެސް ހޮރުކޮންނަނީ އެކަކުންޏެއްގެ ވަރުންނެވެ.