English Edition
Dhivehi Edition

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ގއ.ވިލިނގިއްޔަށް ގިނަ މުއްދަތަކަށް ހިދުމަތް ކުރެއްވި އެރަށު ހިލިހިލާއާގޭ މުހައްމަދު ބާޣިރު އަށް ލިބިވަޑައިގެންފި އެވެ.

މުހައްމަދު ބާޣިރުއަށް ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ، ޝަރަފުގެ ބެޖާއި، އައްޑަނަ ލިބިވައިގެންނެވީ ރޭ ބޭއްވި ޖުމްހޫރީ ދުވަހު ރަސްމީ ޖަލްސާގައި އެވެ. ޝަރަފުގެ ބެޖާއި، އައްޑަނަ ބާޢިރުއާއި ހަވާލުކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

މުހައްމަދު ބާޣިރު ވަނީ ދައުލަތަށް 37 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައި އެވެ. އެގޮތުން ބާޤިރު ވަނީ ވިލިނގިލީގެ ކުޑަކަތީބްކަން ގިނަ ދުވަސްތަކެއް ވަންދެންކުރައްވާފައި އެވެ. އަދި މިހާރު ބާޤިރު އަންނަނީ ވިލިނގިލީ ކައުންސިލް އިދާރާގެ ސީނިއާ ކައުންސިލް އޮފިސަރުގެ މަޤާމް ފުރުއްވަމުންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ޤާބިލުކަމާއި، އިޚްލާޞްތެރިކަމާއެކު ކުރައްވައިފައިވާ ޚިދުމަތްތަކަށާއި، އެބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ޤައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދައުލަތުގެ ކޮންމެ މަގާމެއްގައި ހުންނަވައިގެން ވަޒީފާއަދާކުރެއްވި ކަމުގައިވީނަމަވެސް، އިނާމު ދިނުމަށް ކަނޑައަޅައިފައިވާ ޝަރުޠުތައް ފުރިހަމަވާ ކޮންމެ ބޭފުޅަކަށްވެސް އެރުވޭ އިނާމެކެވެ