English Edition
Dhivehi Edition

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތުގެ ތެރެއިން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ގއ. ފެމިލީ އެންޑް ޗިލްޑްރެން ސާރވިސް ސެންޓަރ ގުޅިގެން ވިލިނގިލީގެ އޮފީސްތަކުގެ މެދުގައި ކުއިޒް މުބާރާތެއް ބާއްވައިފިއެވެ.

މި މުބާރާތް ކުރިޔަށް ގެންދެވިފައި ވަނީ 02 ބަޔަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރުގައި ކޮންމެ މީހަކާ 1 ސުވާލު ކުރިއިރު އެ ސުވާލުތަކުގެ ޖަވާބު ފުރިހަމަ ކުރުމުން 2 ވަނަ ބުރަށް ދަތުރުކުރާގޮތަށެވެ. ނަމަވެސް ފުރަތަމަ ބުރުގެ ސުވާލުތަކަށް ޖަވާބު ނުދެވޭ ފަރާތްތައް މިބުރުން ޑިސްކޮލިފައި ކުރެވެއެވެ. ދެވަނަ އަށް އޮތީ އަވަސް ބުރެކެވެ. އަވަސް ބުރުގައި 1 މިނިޓް ތެރޭގައި 5 ސުވާލަށް ޖަވާބުދޭން ޖެހެއެވެ.

މި މުބާރާތުގެ ފަޚުރުވެރި އެއްވަނަ ކާމިޔާބު ކޮށްފައިވަނީ ވިލިނގިލި ޕޮލިސް ޓީމެވެ. ދެވަނަ، ނެޝަނަލް ޑްރަގް އޭޖެންސީގެ ވިލިނގިލި ގޮފި “ދަގެނާ” ހާސިލްކޮށްފައިވާއިރު 3 ވަނަ ހާސިލްކޮށްފައިވަނީ ވިލިނގިލި ކައުންސިލެވެ.

“އިންވެސްޓް ޓު ޕްރިވެންޓް ވައިލޮންސް އެގެއިންސްޓް ވިމެން އެންޑް ގާލްސް” މި ޝިއާރުގެ ދަށުން ވިލިނގިލީގައި ހިންގާ 16 ދުވަހުގެ ހަރާކާތްތަކެއް ޑަޕް.ލިއު.ޑީސީ އިން އިސްނަގައިގެން ދަނީ ހިންގަމުންނެވެ. އެގޮތުން، ހޭލުންތެރިކުރުމުގެ ހިނގާލުމެއް ބޭއްވުމާއި، މަސްތުވާތަކެއްޗާއި ބެހޭ ގޮތުން ދަގެނާ އާއި ގުޅިގެން މައުލޫމާތު ދިނުމުގެ ސެޝަނެއް ބޭއްވުމާއި، ގެވެށި އަނިޔާގެ ފިލްމު “ޒޯޔާ” އެޅުވުމުގެ އިތުރުން އަދިވެސް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.