ނިމިގެން ދިޔަ ރިޔާސި އިންތިޚާބަކީ ރައްޔިތުންގެ ނިންމުމަކީ ކޮބައިކަން ވަރަށް ސާފުކޮށް އެނގިގެން ދިޔަ އިންތިޚާބެކެވެ. ދެވަނަ ބުރަކަށް ރިޔާސީ އިންތިހާބު ދިގު ދެމިގެން ދިޔަޔަސް ވިލިނގިލީގެ ރައްޔިތުންގެ ނިންމުން ވަރަށް ސާފެވެ. އެކަމުގެ ބޮޑު ހެއްކަކަށް ވަނީ އިއްޔެ ވިލިނގިލީގައި އިދިކޮޅު ޕާޓީ ޕީޕީއެމް/ޕީޕީއެންސީ އިން ބޭއްވި ސައިފޮދެއްގައި ވިލިނގިލީގެ ޑިމޮކުރެޓްސް އަދި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ގިނަ ބަޔަކު ޑރ. މުއިއްޒު އަށް ތާއީދު ކޮށް ބައިވެރިވި ބައިވެރިވުމެވެ. އެންމެންވެސް ކިޔަމުން ދިޔައީ ބޭނުންވަނީ ސައުދު ނޫންގޮތެއް ކަމަށެވެ. ޓެގް ކުރަމުން ދިޔައީވެސް ސައުދު ނޫން ގޮތެއް ގެ ލޭބަލަކާއެކުއެވެ.
ވިލިނގިލި ކޮލަމާފުށި ދާއިރާގެ މެންބަރު ސައުދު ހުސައިން އަކީ ދާއިރާގެ މެންބަރު ކަމުގައި ދެ ދައުރު އަދާކުރެއްވި ބޭފުޅަކެވެ. ނަމަވެސް ވިލިނގިލީގެ ތަރައްޤީއަށްޓަކައި ކޮށްދެއްވި ކަމެއް ކީއްކުރަންތޯ މަޖިލީސް ތަޅުމުގައި ވަކާލާތު ކުރި އެއްވެސް ކަމެއްވެސް ނެތެވެ. އެކަމުގެ އެންމެ ބޮޑު ހެއްކަކީ ވިލިނގިލީގެ ބަނދަރެވެ. ވިލިނގިލީ ބަނދަރަށް 07 އަހަރަށްވުރެ ގިނަ ދުވަސް ހޭދަވެ ބަނދަރުގެ މަސައްކަތް ނުނިމި ދިގުލައިގެން ދިޔަ ދިއުމެވެ. މި ބަނދަރުގެ މައްސަލަ ބޮޑުވެ ގޮތް ހުސްވެ ވިލިނގިލި ކައުންސިލްގެ 7 މެންބަރުން ވަނީ 2021 ޑިސެންބަރ 16 ވަނަ ދުވަހު މެންދުރު ރަތްދަކަ އަވީގައި ހިމޭން އިޙުތިޖާޖެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އަދި ވެސް ދަނީ ސަރުކާރަށް އަޑުއިވޭވަރަށް އަޑަށް ބާރުލާ ގޮވަމުންނެވެ. ނަމަވެސް އިބްރާހީމް މުޙައްމަދު ސޯލިޙްގެ ވެރިކަން ނިމިގެން ދިޔަ އިރުވެސް މި ބަނދަރު ނިމޭކަމަކަށް ނުވެއެވެ.
ބަނދަރުގެ ވާހަކަ އެއްފަރާތް ކޮށްލާފައި ވިލިނގިލި ކޫއްޑޫގެ ބްރިޖަށް ނަޒަރު ހިންގާލާނަމެވެ. ވިލިނގިލި ކޫއްޑޫ ބްރިޖަކުން ގުޅުވާލުމަކީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ ރިޔާސީ ވައުދެކެވެ. ނަމަވެސް މި ބްރިޖުގެ އަމަލީ މަސައްކަތެއް ނުފެނެވެ. ސާރވޭ ތަކަށް ބަޖެޓަކަށް ފަހު ބަޖެޓެއް ކަނޑައަޅަމުން ދާއިރުވެސް ސާރވޭ އެއް ނިމޭކަމަކަށްވެސް ނުވެއެވެ. ސުވާލަކީ މެންބަރު ސައުދު މިކަންތައްތަކަށް ޚާއްސަ އިސްކަމެއްދީ މަޖިލީސް ތަޅުމުގައި ވަކާލާތު ކުރިނަމަ ބްރިޖުގެ އަމަލީ މަސައްކަތެއް ވެސް ރައްޔިތުންގެ ލޮލަށް ފެންނާނެ ނޫންތޯ އެވެ.
އަޅަން ބުނި ޓާޝަރީ ހޮސްޕިޓަލާއި، ހިއްކި ބިމުގެ ފެނާއި ނަރުދަމާ، ސުވިމިންގ ޓްރެކް/ދުވާ ޓްރެކް، ބަޖެޓްކުރެވުނު އާ ޕޮލިސް ސްޓޭޝަން މިއީ އަމަލީ ގޮތުން އެއްވެސް މަސައްކަތެއް ނުފަށާ ހުރި މަޝްރޫޢުތަކެވެ. މި ކަންތަކަށް ބަހުސްކުރެއްވި ރައީސެއް މެންބަރެއް ވެސް ނެތެވެ. ސުވާލަކީ އަދިވެސް ވިލިނގިލި ރައްޔިތުން ސައުދު އާއި ސަރުކާރަށް ސަނާ ކިޔަންވީތޯއެވެ.
ސައުދުގެ އާރާއި ބާރުން ވޯޓާ ކައިރިކޮށް ވިލިނގިލީގެ ގިނަ އަދަދެއްގެ ބަޔަކަށް ވަޒީފާ ދީ، ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން ސިޔާސީ މަޤާމްތަކަށް މީހުން އައްޔަންކޮށް، ޤާނޫނު އަސާސީގެ 115 މާއްދާގެ ޒ އިން ލިބިދޭ (ޖިނާޢީކުށްތަކުގައި ޙުކުމްކޮށްފައިވާ، އިސްތިޢުނާފްކުރުމުގެ އިތުރު ފުރުސަތެއް ނެތް މީހުންގެ ތެރެއިން، ވަކި ވަކި ފަރުދުންގެ ކުށަށް ޤާނޫނުގައިވާ ގޮތުގެ މަތިން މަޢާފް ދިނުމާއި، އަދަބު ލުއިކޮށްދިނުން) ބާރުގެ ބޭނުން ކޮށްގެން ވޯޓު ހޯދުމުގެ ނިޔަތުގައި ރައީސަށް ދަންނަވައި މައްސަލަތައް ނިންމެވުމުގެ އިތުރުން ގިނަ އަދަދަކަށް ފައިސާ ބަހައި ވަޒީފާގެ ބިރުދައްކައި އުޅުމުންވެސް ވިލިނގިލީ ރައްޔިތުން ވަނީ ސައުދުއަށް ނޫނެކޭ ބުނެ ވޯޓުން ތަޅައި ހަމަބިމަށް ތިރިކޮށްފައެވެ. ސައުދުވެސް އަދި ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް ވިދާޅުވަމުން ގެންދެވީ ހުވަދު އަތޮޅުގެ އެމްޑީޕީ ކިއްލާ އަކީ ވިލިނގިލި ކަމަށެވެ. ނަމަވެސް ނިމިގެން ދިޔަ އިންތިހާބުން ވިލިނގިއްޔަކީ ޕީޕީއެމްގެ ކިއްލާއެއްކަން ރައްޔިތުން ވަނީ ސާބިތުކޮށްދީފައެވެ. ސައުދު އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. ދެން އަންނަ މަޖިލީސް އިންތިހާބެއްގައި ސައުދު ހުސައިން ވިލިނގިލި މެންބަރު ކަމަށް ކުރިމަތިލައްވައިފިނަމަ ބޮޑުތަނުން ނޫނެކޭ ބުނުމަކީ ނުހަނު ގާތުގައިވާ ކަމެކެވެ. ރިޔާސީ އިންތިޚާބުން ބޮޑު ފަރަގަކުން ވިލިނގިލި މެޖޯރިޓީ މުއިއްޒު ނަންގަވާފައިވާ އިރު ޕީޕީއެމް އަދި ޑިމޮކުރެޓްސްގެ ސަޕޯޓަރުންވެސް ކެމްޕައިން ކޮށްފައިވަނީ “ސައުދު ނޫން ގޮތެއް” މި ހޭޝް ޓެގް ބޭނުން ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.