English Edition
Dhivehi Edition
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަނީ: ފޮޓޯ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އައްޑޫސިޓީގެ މަރަދޫގެ ތަރައްގީއަށް ކަނޑައަޅާފައިވާ އަދަދާ މެދު ހިތާމަ ކުރައްވަވާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަޖިލިހުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މަރަދޫގައި މިސްކިތެއް އަޅަން އެކިފަހަރު މަތީން މަޖިލިހުގައި ވަކާލާރު ކުރާތާ 6 އަހަރަށް ވުރެ ގިނަވެފައިވާ ކަމަށާއި ބައެއް އަހަރު ތަކުގެ ބަޖެޓްގައި އެކަން ހިމެނި އަދި ބައެއް އަހަރުގެ ބަޖެޓްގައި ނުހިމެނި ކަހަލަ ގޮތަކަށް ދާ ކަމަށެވެ. އަދި މިއަދާ ހަމައަށް ވެސް މިސްކިތެއްގެ މަސައްކަތް ފެށިގައިނުވާ ކަން ހިތާމަޔާ އެކު ފާހަގަ ކުރައްވަވާ ކަމަށެވެ.

“މަރަދޫ މަސްމާރުކޭޓުގެ މައްސަލަވެސް އޮތީ މިހެން. ސްކޫލްގައި ލެބެއް ނެތް. ސައިންސް ލެބަކާއި ކޮމްޕިޔުޓަރ ލެބެއް އަދި އޭވީ ރޫމެއް ހަދައި، ސަރވިސް ބިލްޑިންގެއް ހަދަން ރައްޔިތުންގެ ޝަކުވާ އަބަދާ އަބަދު އަޑުއިވޭތާ ހަމަ މިދެންނެވި މުއްދަތު މިވަނީ ފާއިތުވެ ގޮސްފައި” ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި މަރަދޫ އަށް އޮތީ 36.4 މިލިއަން ރުފިޔާ ކަމަށާއި މި ހިނގާ 2021 ވަނަ އަހަރުވެސް މި އަދަދު އޮވެ އެއްވެސް ކަމެއް ނުކުރެވި އޮވެމެ އަނެއްކާ އަންނަ އަހަރަށް ވެސް މީގައި ތަރުތީބު ކުރެވިފައިވާ އެއްވެސް ކަމެއް ނުކުރެވޭ ވަރުގެ ކުޑަ އަދަދެއް ބަޖެޓްގައި ޖަހާފައި އޮތުމަކީ އެކަން ހަމަ އެއްގޮތަކަށް ވެސް އަންނަ އަހަރު ނުކުރެވޭނެ ކަމެއް ކަމުގައި ގަބޫލު ކުރައްވަވާ ކަަމަށެވެ.

“ބައްލަވާ އަޅުގަނޑުމެން ސިޔާސީ ބޭނުމަކަށްޓަކައި ވައިޓް އެލެފެންޓްތަކެއް މިތާނގަ އެބަ ތައްޔާރުކުރޭ. 100 އަށް ވުރެ މީހުން މަދު ރަށްރަށުގައި 50 ނުވަތަ 60 މިލިއަނުން ޚަރަދުކޮށްގެން އަޅުގަނޑުމެންގެ ބައެއް ސިޔާސީ ލީޑަރުންނަށް އެއްޗެކޭ ވިދާޅުވެފައޮތީތީ ބަނދަރު ހަދާތަން އެބައާދޭ. އެގޮތަށް 2010 ވަނަ އަހަރު ހެދި ބަނދަރެއް މިދިޔަ އަހަރު އަލުން ތަކުރާރުކޮށް ހަދައިފި.” ޝަރީފް ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ މޮނިއުމަންޓް ތައްޔާރުކުރާ ގޮތަށް ގައުމުގެ ބަޖެޓް ހޭދަކުރަން ވެއްޖެ ނަމަ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އަދި އިސްކަންދޭ ތަރުތީބުން ގައުމަށް ލިބޭ މަދު އާމްދަނީ ހޭދަކުރަމުންދާއިރު ބޭކާރު ޚަރަދު ނުކޮށް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ މުހިންމު ކަންކަމަށް އިސްކަންދީގެން ތަރުތީބުން ކަންކަން ކުރުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.

“ބަޖެޓަށް ބަހުސްކުރާއިރު ފުންކޮށް ވިސްނާލަންޖެހޭ ކަމެއް އެބައޮތް . އެގޮތުން ބަޖެޓުގައި ތަފާތު ގިނަ މަޝްރޫޢުތަކެއް ހިމަނާނީތޯ ނުވަތަ އެ އަހަރެއްގެ ބަޖެޓުގައި ކަނޑައަޅާ ކޮންމެވެސް އެއް މަޝްރޫޢެއް ހިންގާނީތޯ ނުވަތަ ބައިބަޔަށް ބަހާލައިގެން ތިން އަހަރުން މަޝްރޫޢެއް ހިންގާނީތޯ ބަލަން ޖެހޭ. އިޖްތިމާޢީ އަދާލަތާ ރައްޔިތުންގެ މެދުގައި އިންސާފެއް ގާއިމްކުރުމަށް ސަރުކާރުން އަމާޒުހިފުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް” ޝަރީފް ވަނީ ވިދާޅުވެފައެވެ

 

.