English Edition
Dhivehi Edition

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިގެން ދިޔަނަމަވެސް ސަރަހައްދީ އެހެން ޤައުމުތަކާއި އަޅާބަލާއިރު އެކަމުގެ އަސަރު ރާއްޖެއަށް ކުރަނީ ކުޑަކޮށްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ އަމީރު މިހެން ވިދާޅުވީ، ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކާއެކު ރާއްޖޭގައިވެސް އިންފްލޭޝަން ނުވަތަ ތަކެތީގެ އަގު އުފުލޭ މިންވަރު މައްޗަށް ދިއުމުގެ ފުރުސަތު އޮތްކަމަށް ވޯލްޑް ބެންކުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މިނިސްޓަރ ވިދާޅުވީ އިންފްލޭޝަން މަތިވާ މިންވަރު ހިފެހެއްޓިފައި ހުރުމުގެ އެއް ސަބަބަކީ ސަރުކާރުން ތެޔޮ، ކަރަންޓު އަދި ކާޑުގެ އަގު ހެޔޮކުރަން ދެމުންދާ ސަބްސިޑީ ކަމަށެވެ. އެގޮތުން ދުނިޔޭގެ ބާޒާރުގެ އަގުތައް އުފުލުމާއެކު ސަބްސިޑީތަކުގެ ހޭދަ ބޮޑުތަނުން އިތުރުވެފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ތަކެތީގެ އަގުތައް އުފުލުމާ ގުޅިގެންނާއި މިނޫނަސް ކުރިމަތިވާ ފިސްކަލް ހިރާސްތަކުގެ ތަފްސީލް 2023 ވަނަ އަހަރުގެ ބަޖެޓު ފޮތުގެ ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ތަފްސީލުކޮށްފައި ވާނެ.ކަން ފާހަގަ ކުރައްވައި މިނިސްޓަރ އިތުރަށް ވިދާޅުވީ، މި ހިރާސްތައް މެނޭޖްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.

ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މި އަހަރުގެ މިހާތަނަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ވަނީ 2022 ވަނަ އަހަރާ އަޅާބަލާއިރު 21.5 އިންސައްތަ އިތުރުވެފައިކަމަށެވެ. އަދި މި އަހަރު ރާއްޖެއަށް ރެކޯޑު މިންވަރަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެކަމަށް ލަފާކުރެވޭއިރު އިގުތިސާދީ ކުރިއެރުން މިހާރުގެ އަންދާޒާތަކަށްވުރެ މަތިވާނެކަމަށް ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ، ވާލްޑް ބޭންކުން ރާއްޖޭގެ އިގުތިސާދީ ދުވެލީގެ އަންދާޒާ ކުރިއަށްވުރެ ދަށްވާނެކަމަށް ލަފާކޮށްފައިވަނީ، 2021 ވަނަ އަހަރުގެ ޖީޑީޕީ ކުރިއެރި މިންވަރު ކުރިން ވާލްޑް ބޭންކުން އަންދާޒާކުރި މިންވަރަށްވުރެ މަތިވެފައިވާތީ، ހިސާބުކުރުމުގައި އަންނަ ބޭސް އިފެކްޓް އާ ގުޅިގެންކަމަށެވެ.