English Edition
Dhivehi Edition
އައްޑޫގެ މަގުތައް އަމާން ކުރުމަށް ފުލުހުން ހިންގާ ދިވިލިމަތަ އޮޕަރޭޝަނުގެ ތެރެއިން: ފޮޓޯ އޭއޯނިއުސް

އައްޑޫ ސިޓީގެ ހިތަދޫގައި ހިނގި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވާ އަންހެން މީހާ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ނިންމައިފިއެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ މުހައްމަދު ނަޖީބް ވިދާޅުވީ އައިސީޔޫގައި ފަރުވާ ދެމުންދާ މީހާ މިއަދު މެންދުރު ފްލައިޓްގައި މާލެ ފޮނުވާލުމަށް ތައްޔާރުވަމުންދާ ކަމަށެވެ.

އައިސީޔޫގައި ފަރުވާދޭ މީހާގެ ދަތްދޮޅި ބިންދައިގެން ގޮސް ބޮލާއި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް އެކިވަރުގެ އަނިޔާ ލިބިފައިވި ނަމަވެސް އޭނާގެ ހާލު އެހާ ސީރިއަސް ނޫން ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
މިއެކްސިޑެންޓާއި ގުޅިގެން ދެ ފިރިހެނަކާއި ދެ އަންހެނަކު އަނިޔާވެގެން އެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދިޔަ ނަމަވެސް އައިސީޔޫގައި ފަރުވާ ދެމުންދާ އަންހެން މީހާ ފިޔަވާ އެހެން މީހަކަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ބޮޑުމަގުގައި ހުންނަ ޗެކް މާކު ފިހާރަ ކައިރި ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ ތަޙުގީގު ކުރަމުންނެވެ.