ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއާލައިންސް އިން އައްޑޫއަށް އަލުން ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނައިރު، ސްރީލަންކަންގެ ރާއްޖޭގެ ސޭލްސް އެޖެންޓް “އޭސް އޭވިއޭޝަން “ގެ ދަށުން ހިންގާ ޕެސެންޖަރ ސޭލްސް އެޖެންޓް “އޭސް ޓްރެވެލް” ގެ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މިހާރުވެސް އެ ކުންފުނިން ދެމުން ގެންދާ ހުރިހާ ހިދުމަތްތަކާއެކު އޭސް ޓްރެވެލްގެ ބްރާންޗެއް އައްޑޫ ސިޓީގައި ހުޅުވުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. މީގެ ކުރިންވެސް އޭސް ޓްރެވެލްގެ އޮފީހެއް އައްޑޫގައި ގާއިމުކޮށްފައިވާއިރު، އެ އޮފީސް ބަންދުކޮށްފައިވަނީ ކޮވިޑް19 ގެ ސަބަބުން އައްޑޫ އާއި ކޮލޮމްބޯ އާއި ދެމެދު ކުރަމުން އައި ދަތުރުތައް ހުއްޓާލުމާއި ގުޅިގެންނެވެ.
އައްޑޫ އިން ކޮލޮމްބޯއަށް ޝެޑިއުލް ފްލައިޓްތައް ފެށުމާއެކު ދެކުނުގެ ގިނަ ބަޔަކަށް ބޮޑު ލުއި ފަސޭހަތަކެއް ލިބިގެން ދިޔައިރު، ހިދުމަތް މެދުކެނޑުމާއި ގުޅިގެން ގިނަ ބަޔަކުވަނީ ކަންބޮޑުވުންތައްވެސް ފާޅުކޮށްފައެވެ. ކޮލޮމްބޯ އާއި އައްޑޫ ސިޓީ ގަމާއި ދޭތެރޭ ކުރެވެމުން އައި ވައިގެ ދަތުރުތަކަކީ އައްޑޫގެ ޢާންމު ދިރިއުޅުމާއި، ފަތުރުވެރިކަމާއި ވިޔަފާރިއަށް ބޮޑެތި ލުއިތަކެއް ގެނެސްދިން އަދި ކުރިއެރުންތަކެއް ހޯދައިދިން މުހިއްމު ތަރައްޤީއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އެހެންކަމުން ކޮވިޑް-19 އާއި ގުޅިގެން ދަތުރުތައް މެދު ކަނޑާލާފައިވުމަށް ފަހު އަލުން ދަތުރުތައް އައްޑޫއަށް ފެށިގެން ދިޔުމަކީ އައްޑޫގެ ތަރައްޤީ އާއި ރައްޔިތުންނަށް ލިބިގެންދާނެ ވަަރަށް ބޮޑު ކުރިއެރުމެއްކަން ރައްޔިތުން ގަބޫލުކުރެއެވެ
އައްޑޫ އިން ކޮލޮމްބޯ ދަތުރު ފަށާއިރު ޝެޑިއުލް ދަތުރުތައް އޮންނާނީ ކޮންމެ ހަފްތާ އަކުވެސް ހޮނިހިރު ދުވަހުގައި ކަމަށް ސްރީލަންކަން އިން ބުނެއެވެ.އަލުން ދަތުރުތައް ފަށާއިރު އައްޑޫއިން ކޮލަމްބޯއަށް ދެކޮޅު ޓިކެޓްގެ އަގަކީ (ދިވެހިންނަށް) 271 އޫއެސްޑޮލަރެވެ. އަދި ގަމުން ދުބާއީ އަށް 487 ޔޫއެސް ޑޮލަރަށް ދެކޮޅު ޓިކެޓް ލިބޭއިރު ގަން/ ޑާކާ/ މާލެ ޓިކެޓްގެ އަގަކީ 490 ޔޫއެސް ޑޮލަރެވެ.